16
ވެރިމީހާގެ މުދަލުން އިސްރާފު ކުރި މުވައްޒަފު
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ވަރަށް ބޮޑު މުއްސަންޖަކު ވި. އޭނާގެ މެނޭޖަރު އޭނާގެ އެއްޗިހި އިސްރާފުކުރާ ކަމަށް ތުހުމަތު ކުރެވުނު. ދެން އޭނާ އެ މެނޭޖަރު ގެނެސް ބުނި. ’ކަލެއާއި ބެހޭގޮތުން އަހަރެންނަށް މިއިވެނީ ކޮން ޚަބަރުތަކެއް ހޭ؟ ކަލޭ ވިޔަފާރީގެ ކަންތައް ހިންގި ގޮތުގެ މައުލޫމާތުގެ ބަޔާނެއް ލިޔާށޭ. އަދި އެއަށް ފަހު ކަލޭ ތިޔަވަނީ އަހަރެންގެ މެނޭޖަރެއްގެ ވަޒީފާއިން ވަކިކޮށްފައޭ.‘
މި މެނޭޖަރު ހިތާ ހިތާ ބުނި. ’އަހަރެން ހަދާނީ ކިހިނެއްބާއޭ؟ މަގޭ ވެރިމީހާ މަ މި ވަޒީފާއިން ވަކިކުރަނީއޭ. އަހަރެންނަކީ ބިންކޮނެވޭ ވަރުގެ ހަށިގަނޑުގައި ބާރު ހުރި މީހެއް ނޫނޭ. އަދި އަހަރެން ސަލާންޖަހަން ލަދުގަނޭ. އާނއެކޭ. ހަދާނެ ގޮތެއް އެނގިއްޖެއޭ. އޭރުން އަހަރެންގެ ވަޒީފާ ގެއްލުނަސް މިތާގެ މީހުން އަހަރެންނަށް ތާއީދުކޮށް އެމީހުންގެ ގޭގެއަށް އަހަންނަށް ދަޢުވަތު ދޭނެއޭ.‘
ދެން އޭނާ ހެދި ގޮތަކީ އޭނާގެ ވެރިމީހާއަށް ދަރާފައިވާ ހުރިހާ މީހުން ފަހަރަކު މީހަކު ގެ މަތިން އޭނާގެ ކައިރިއަށް ގެނައި. މީނާ އޭގެތެރެއިން ފުރަތަމަ މީހާ ކުރެން ސުވާލު ކުރި. ’ކަލޭ އަހަރެންގެ ވެރިމީހާއަށް ދަރައި އޮތީ ކިހާވަރެއް ހޭ؟‘ އެމީހާ ބުނި. ’ތިންހާސް ލީޓަރު ޒައިތޫނި ތެލޭ.‘
މެނޭޖަރު މީހާ ބުނި. ’މިތާ އިށީނދެ ކަލޭގެ ބިލު ނަގާ ތިޔަ ތިންހާސް ލީޓަރު އެއްހާސް ފަސް ސަތޭކަ ލީޓަރަށް ބަދަލުކޮށްލާށޭ.‘
ދެން އޭނާ ދެވަނަ މީހާ ކުރެން ސުވާލު ކުރި. ’ކަލޭ ދަރާ އޮތީ ކިހާވަރަކަށް ހޭ؟‘
އެމީހާ ބުނި. ’އެއްހާސް ބަސްތާ ގޮދަނަށޭ.‘ އެމެނޭޖަރު ބުނި. ’ކަލޭގެ ބިލު ނަގާ ތިޔަ އެއްހާސް ބަސްތާ އަށްސަތޭކަ ބަސްތާއަށް ބަދަލުކޮށްލާށޭ.‘
މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.
އަހަރެން މިބުނީ ހަމަތެދެއް. ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.
10 ކުރާ ކުޑަ ކަންތައްތަކުގައި ތެދުވެރި ވާ މީހަކު ބޮޑެތި ކަންތައްތަކުގައި ވެސް ތެދުވެރި ވާނެ. އެކަމަކު ކުރާ ކުޑަކަންތައްތަކުގައި މަކަރު ހަދާ މީހަކު އޭނާ ކުރާ ބޮޑެތި ކަންތައްތަކުގައި ވެސް މަކަރު ވެރިވާނެ. 11 ކަލޭމެން ދުނިޔެވީ މުދަލުގެ މައްޗަށް ތެދުވެރި ނުވާ ނަމަ ޙަޤީޤީ މުދާ ކަމުގައިވާ ސުވަރުގޭގެ މުދާ ކަލޭމެންގެ އަތް މައްޗަށް ދޫކޮށްލުމަށް އިތުބާރު ކުރެވޭނީ ކިހިނެއް؟ 12 އަދި ކަލޭ އެހެން މީހެއްގެ މުދަލުގެ މައްޗަށް ޚިޔާނާތްތެރި ވާނަމަ ކަލޭގެ އަމިއްލަ މުދާ ކަލޭގެ މައްޗަށް ދޫކޮށް ލެވޭނީ ކިހިނެއް؟
13 އެއްވެސް ނޯކަރަކަށް ދެ ވެރިއެއްގެ ކައިރިއަކު އެއްފަހަރަކާ މަސައްކަތެއް ނުކުރެވޭނެ. އެއީ އޭނާ އެކަކުގެ މައްޗަށް ލޯބިވާނެ. އަދި އަނެކަކުގެ މައްޗަށް ނުރުހޭނެ. ނޫނީ އެކަކަށްޓަކައި އޭނާ ޖާނުދޭނެ. އަދި އަނެކަކު ގެ މައްޗަށް ނަފުރަތު ކުރާނެ. އެއްވެސް މީހަކަށް މާތްރަސްކަލާނގެ ކިބަފުޅަށާއި ފައިސާއަށް އެއްފަހަރަކާ ޚިދުމަތެއް ނުކޮށްދެވޭނެ.“
14  ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. 15 ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.“
މާތްރަސްކަލާނގެ ބަސްފުޅު ދުވަހަކުވެސް އުވިގެނެއް ނުދާނެ
16 ”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކުވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ. 17 އަދި އުޑާއި ބިން ނެތިގެން ދިޔަޔަސް މާތްރަސްކަލާނގެ އެންގެވި މާތްރަސްކަލާނގެ ބަސްފުޅުތަކުގައި ލިޔެވިފައިވާ އެންމެ ނުކުތާއެއްގެ މިންވަރުވެސް އުވިގެންނެއް ނުދާނެ.
18 އެއްވެސް މީހަކު އެމީހެއްގެ އަނބިމީހާ ވަރިކޮށްފައި އެހެން އަންހެނަކާއި އިނދެފި ނަމަ އެ ކުރެވެނީ ޒިނޭ. އަދި ވަރިވެފައިވާ އަންހެނަކާއި އިންނަ ފިރިހެނަކަށް ވެސް އެ ކުރެވެނީ ޒިނޭ.“
މުއްސަނދި މީހާއާއި ލާޒަރު
19 އީސާގެފާނު ވިދާޅުވިއެވެ. ”އެއްފަހަރަކު ވަރަށް ބޮޑު މުއްސަންޖަކު އުޅުނު. އޭނާ އަބަދުވެސް އެންމެ އަގުބޮޑު މޮޅު އަންނައުނު ލާ މޮޅު ކެއުން ކައިގެން އަރާމުގައި އުޅުނު. 20‏-21 މި މުއްސަނދި މީހާގެ ދޮރާށި ކައިރީގައި ކޮންމެދުވަހަކު ވަރަށް ފަޤީރަކު ގެނެސް ބޭއްވިފައި އޮވޭ. މި ފަޤީރު މީހާގެނަމަކީ ލާޒަރު. އޭނާ އެތާ އޮންނަނީ އެއީ މި މުއްސަނދި މީހާ ކާއިރު މޭޒުމަތިން އޮހޭ ބާކީ ކާއެތިކޮޅު ލިބޭނެ ކަމުގެ އުންމީދުގަ. މި ލާޒަރުގެ މުޅި ހަށިގަނޑު ވަނީ ފާރުތަކުން ފުރިފަ. ކުއްތާތައް އައިސް އޭނާގެ ފާރުތަކުގައި ދޫކާތާ ހަދާ.
22 އެއްދުވަހަކު މިލާޒަރު މަރުވެއްޖެ. ދެން މަލާއިކަތުން އޭނާގެ ފުރާނަ ސުވަރުގެއަށް އިބްރާހީމްގެފާނުގެ އަރިހަށް ގެންދެވި. މި މުއްސަނދި މީހާ ވެސް މަރުވި. އަދި އޭނާގެ ހަށިގަނޑު ވަޅުލެވުނު. 23 މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް. 24 އެމީހާ ގޮވި. ’އިބްރާހީމްގެފާނުއޭ. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާށޭ. އަޅުގަނޑު މި އަލިފާނުގެ ތެރޭގައި މި ވަނީ ވަރަށް ވޭނުގައޭ. ލާޒަރުގެ އިނގިއްޔެއް ފެން އެއްޗަކަށް ލައްވާފާ އަޅުގަނޑުގެ އަނގަޔަށް ފިނި ކޮށްލައި ދިނުމަށް މިތަނަށް ފޮނުވާ ދެއްވާށޭ.‘
25 އިބްރާހީމްގެފާނު ވިދާޅުވި. ’ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ. 26 އެހެން ނޫނަސް ކަލެއާއި އަހަރެމެންނާއި ދޭތެރޭ ބޮޑު ފުން ވަޅުގަނޑެއް އެބައޮތޭ. އެހެންވެ މިފަރާތުން އެކަކަށް ވެސް ތިޔަ ފަރާތަކަށް ނުދެވޭނެއޭ. އަދި ތިޔަފަރާތުން އެކަކަށް ވެސް މިފަރާތަކަށް ވެސް ނާދެވޭނެއޭ.‘
27 ދެން މި މުއްސަނދި މީހާ ބުނި. ’ނަމަވެސް އަޅުގަނޑުގެ މިއާދޭސް ގަބޫލު ކުރައްވާށޭ. ލާޒަރު އަޅުގަނޑުގެ ބައްޕަގެ ގެއަށް ފޮނުއްވާ ދެއްވާށޭ. 28 އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.‘
29 ނަމަވެސް އިބްރާހީމްގެފާނު އޭނާއަށް ވިދާޅުވި. ’އެމީހުން އަތުގައި މޫސާގެފާނާއި އަދި ނަބީބޭކަލުން ލިޔުއްވި ފޮތްތައް ވެއޭ. އެފޮތްތަކުގައި ލިޔެވިފައިވާ ނަސޭޙަތްތައް އަހައި އެމީހުންނަށް އެއަށް އީމާންވެވި ދާނެއޭ.‘
30 މި މުއްސަނދި މީހާ ބުނި. ’ނޫނެކޭ. އިބްރާހީމްގެފާނުއޭ. އެމީހުންގެ ކައިރިއަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހަކު ހިނގައްޖެ ނަމަ އެބައިމީހުން އެމީހަކު ބުނާ އެއްޗެއްގެ އަޑު އަހާ ގަބޫލުކޮށް އެބައިމީހުންގެ ހިތާއި އުޅުން ބަދަލުކުރާނެއޭ.‘
31 ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.‘ “