15
ގެއްލިފައިވާ ކަންބަޅިއެއް ފެނުމުގެ އުފާ
1 އެއްދުވަހަކު އީސާގެފާނު މީސްތަކުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ސަރުކާރުގެ ޓެކްސް ނަގާ މީހުންނާއި އަދި ނުބައި ފާފަތައް ކުރުމަށް މަޝްހޫރު ވެފައިވާ އެތައް ބަޔަކު އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑު އެހުމަށްޓަކައި އެތަނަށް އައެވެ. 2 އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.“
3 އެހެންކަމުން އީސާގެފާނު އެބައިމީހުންނަށް މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. 4 ”މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ސަތޭކަ ކަންބަޅި ވަނިކޮށް އޭގެތެރެއިން އެކަތި މަގުއޮޅި ގެއްލިގެން ހިނގައްޖެ ނަމަ އެމީހާ ކުރާނީ ކީއް؟ އޭނާ އަނެއް ނުވަދިހަ ނުވަ ކަންބަޅި ވިނަ ކާން ދަނޑުގެ ތެރެއަށް ދޫކޮށްފައި ގެއްލިފައި ވީ ކަންބަޅި ހޯދަން ދާނެ. 5 ކަންބަޅި ފެނުމުން އެކަމާއިވީ އުފަލުން އޭތި އޭނާގެ ކޮނޑުމަތީ ބާއްވައިގެން 6 ގެއަށް ގެންގޮސް އޭނާގެ ރައްޓެހިންނަށާއި އަވަށްޓެރީންނަށް ގޮވައި އޭނާ ބުނާނެ. ’މަގޭ މަގުއޮޅިގެން ގެއްލުނު ކަންބަޅި ފެނިއްޖޭ! އަހަރެންގެ މިއުފަލުގައި ބައިވެރިވުމަށް އަންނާށޭ!‘ “ 7 އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.“
ރިހި ލާރިއެއް
8 އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.
9 އަދި މި ރިހިލާރި ފެނުމުން އޭނާގެ އަވަށްޓެރީންނާއި އެކުވެރިންނަށް ގޮވައި ގެނެސް އެމީހުންނަށް ބުނާނެ. ’އަހަރެން މި ވަނީ ވަރަށް އުފަލުގައޭ. އަހަރެން އަތުން ގެއްލުނު ރިހިލާރި ފެނިއްޖޭ. އަހަރެންގެ މި އުފަލުގައި ބައިވެރިވެދޭށޭ!‘ “
10 ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.“
ދެ ފިރިހެން ދަރިން
11 އީސާގެފާނު މިއަށް ފަހު މި މާނަފުން ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”އެއްފަހަރަކު އުޅުނު ދަނޑުވެރިޔަކުގެ ދެފިރިހެން ދަރިން ވި. 12 އެއްދުވަހަކު މި ދެ ފިރިހެން ދަރިން ކުރެ ހަގު ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’ބައްޕާއޭ. ބައްޕަގެ މުދަލުން އަހަރެންނަށް ވާ ބައި އަހަރެންނަށް ދޭށޭ.‘ ދެން މި ދަނޑުވެރިޔާ އޭނާގެ ހުރިހާ މުދާ އޭނާގެ ދެދަރިންގެ މެދުގައި ބަހައި ހަގު ދަރިފުޅަށް ވީ މުދާ އޭނާއަށް ދިން.
13 ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި. 14 މި ދުވަސްވަރު މުޅި މިސަރަހައްދަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިލާން ޖެހުނު. އޭރު އޭނާގެ ހުރިހާ ލާރި ބޭނުންނެތް ގޮތުގައި ހޭދަކޮށް ހުސްވެއްޖެ. އޭނާއަށް ކާނޭ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގެ ހާލުގައި ޖެހިއްޖެ. 15 މިހިނދު އޭނާ އެހިސާބުގަނޑުގެ ދަނޑުވެރިއެއްގެ ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. މި ދަނޑުވެރިޔާ އޭނާއަށް ދިން މަސައްކަތަކީ އޭނާގެ އޫރުތައް ބެލެހެއްޓުމުގެ މަސައްކަތް. 16 މީނާގެ ބަނޑުހައި ހޫނުކަން ބޮޑުވެގެން އެކަމަށް ކެތް ނުކުރެވުމުގެ ސަބަބުން މިއޫރުތައް އެކާ ހިތިތޮޅިތައް ވެސް ކާން ލިބޭނެ ނަމައޭ އޭނާގެ ހިތަށްއެރި. މި ހާލުގައި ވީއިރު ވެސް އޭނާއަށް ކާއެއްޗެއް ދޭނޭ މީހަކު ނުވި.
17 މިހެން ކަންތައް ދިމާވި ހިނދު އޭނާއަށް ވީގޮތް ވިސްނި ހޭޖެހި އޭނާ އޭނާގެ އަމިއްލަ ނަފުސަށް ބުނި. ’މަގޭ ބައްޕަގެ ނޯކަރުންނަށް ވެސް އެމީހުންނަށް ނުކެވި ގިނަވާ ވަރަށް ވުރެ ގިނައިން ވެސް ކާން ލިބެއޭ. އެކަމަކު މަ މިތާނގައި މިބަނޑަށް މަރުވަނީއޭ. 18 އަހަރެން އެނބުރި ބައްޕަގެ ކައިރިއަށް ދާންވީއޭ. އަދި ބައްޕައަށް ބުނާނަމޭ. ބައްޕާއޭ. އަހަރެން ބައްޕައާއި އަދި މާތްރަސްކަލާނގެއާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. 19 ވީމާ އަހަރެންނަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ. އެހެންނަމަވެސް ބައްޕަގެ ނޯކަރުންގެ ތެރެއިން މީހަކު ކަމުގައި އަހަރެން ގަބޫލު ކުރާށޭ.‘ 20 މިހެން ހިތާ އޭނާ އެނބުރި ރަށަށް ދިއުމަށް ދަތުރު ފެށި.
އޭނާއަށް ގެއާއި ހަމައަށް ނުވެސް ދެވި އުޅެނިކޮށް އޭނާގެ ބައްޕައަށް އޭނާ ފެނި ދުވަމުން އައިސް އޭނާގެ ހާލު ދެކެ އެކަމުގެ މައްޗަށް ހަމްދަރުދީވެ އޭނާގެ ގައިގައި އޮޅުލައިގަނެ ބޮސްދީ ހެދި.
21 މިހިނދު މިދަރިފުޅު ބުނި. ’ބައްޕާއޭ. އަޅުގަނޑު ބައްޕައާއި އަދި މާތްރަސްކަލާނގެ އާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. ވީމާ އަޅުގަނޑަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ.‘
22 ނަމަވެސް އޭނާގެ ބައްޕަ ނޯކަރުންނަށް ގޮވާ ގެނެސް ބުނި. ’އަވަހަށް ގޮސް މޮޅު އަގުބޮޑު ހެދުމެއް ގެނެސް މީނާއަށް ދޭށޭ. މީނާގެ އިނގިލީގައި އަޅާނެ އަންގޮޓިއަކާއި އަރާނެ ފައިވާނެއް ވެސް ގެނެސްދޭށޭ. 23 އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ. 24 މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.
25 މި ވަގުތު މިދަނޑުވެރިޔާގެ ދޮށީ ދަރިފުޅު އުޅުނީ ދަނޑުތަކުގެ މަސައްކަތުގަ. އޭނާ މަސައްކަތުން ނިމިގެން އެނބުރި ގެއަށް އައިއިރު ގޭދޮށުގައި މީސްތަކުން ލަވަކިޔައި ނަށައި އުޅޭ ތަން ފެނި 26 އެތަނުގައި ތިބި ނޯކަރަކަށް ގޮވައި ގެނެސް މި ވަނީ ކީއްތޯ އަހާސުވާލު ކުރި. 27 އެމީހާ ޖަވާބުގައި ބުނި. ’ސާހިބާގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި ގެއަށް އަތުވެއްޖޭ. އަދި ސާހިބާގެ ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި ކަތިލާ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބޮޑު ކެއުމެއް ތައްޔާރު ކޮށްފިއޭ.‘
28 ދޮށީ ދަރިފުޅު މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. އަދި ގޭތެރެއަށް ވަނުމަށް އިންކާރު ކުރި. ދެން އޭނާގެ ބައްޕަ ބޭރަށް އައިސް އާދޭހާއި އެކު އޭނާ ގާތު ގޭތެރެއަށް ވަނުމަށް އެދުނު. 29 ނަމަވެސް މި ދޮށީ ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’މި ހުރިހާ އަހަރު އަހަރެން ބައްޕަގެ ދަނޑުތަކުގައި އަޅަކު ފަދައިން މަސައްކަތް ކުރިމޭ. އަދި ދުވަހަކުވެސް ނުކިޔަމަންތެރިއެއް ނުވަމޭ. ނަމަވެސް އަހަރެންގެ ރައްޓެހީންނާއި އެކު މަޖާ ކޮށްލާ ޕާޓީއެއް ބާއްވާލަން ޅަ ބަކަރިއެއްގެ މިންވަރު ވެސް ބައްޕަ ނުދޭ. 30 އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.‘
31 ބައްޕަ މީނާއަށް ބުނި. ’މަގޭ ދަރިފުޅާއޭ. ކަލޭ އަބަދުވެސް ތިޔަވަނީ މިތާ ބައްޕަގެ ގާތުގައޭ. އަދި ބައްޕައަށް ވާ ނަމަ ވާހާ މުދަލެއް ތިޔަވަނީ ކަލޭގެ އަތްމައްޗަށް ދޫކޮށްލާފައޭ. 32 ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.‘ “