13
ބަރުނައްބާސް އާއި ޝާއުލް ހޮވުން އަދި އެމީހުން ފޮނުވުން
އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ. މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.“ ދެން މި ބައިމީހުން އިތުރަށް ވެސް ދުވަސްކޮޅަކު ރޯދަހިފާ ދުޢާ ކުރުމަށް ފަހު ބަރުނައްބާސް އާއި ޝާއުލްއަށް ހިތްހެޔޮކަންދީ އެމީހުންގެ ބޮލުގައި އަތްލާ އެމީހުންނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު އެމީހުންގެ މަގުގައި ކުރިއަށް ފޮނުވިއެވެ.
ބަރުނައްބާސް އާއި ޝާއުލް މާތްރޫޙުފުޅު އެމީހުން ފޮނުއްވި މަގުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެމީހުން ދިޔައީ ސެލޫސިޔާއޭ ކިޔުނު ބަނދަރުމަތީގެ ރަށަށެވެ. އެ ރަށުން އެމީހުން އޮޑިއެއްގައި ދަތުރުކޮށް ދިޔައީ ސައިޕުރަސް އަށެވެ. އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ. މި ބައިމީހުން އެ ރަށުގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕާފޮސް އާއި ހަމައަށް ދިޔައެވެ. އެ އަވަށުގައި އުޅުނު ބަނީއިސްރާއީލު މީހެއް ކަމުގައި ވީ ބަރުޔޭޝު އޭ ކިޔާ މީހަކާއި އެމީހުންނާއި ދިމާވިއެވެ. މީނާއަކީ ފަންޑިތަވެރިއެކެވެ. އަދި އޭނާ އުޅުނީ ނަބީބޭކަލަކު ކަމުގައި ވެސް ހެދިގެންނެވެ. މީނާ އެ ރަށުގެ ގަވަރުނަރު ކަމުގައި ހުރި ސާރިޖު ޕައުލުސް ގެ ގާތުގައި އޭނާއަށް ޚިދުމަތް ކުރުމުގައި އުޅުނެވެ. ސާރިޖު ޕައުލުސް އަކީ ވިސްނުންތެރި މީހެކެވެ. މީނާ ބަރުނައްބާސް އާއި ޝާއުލްގެ ކިބައިން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާ ވެސް ބޭނުންވީ އެމީހުން އެ ކިޔާދެމުންދާ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އެހުމަށެވެ. ނަމަވެސް އެލިމާހު މި ކަމާއި ދެކޮޅުހެދިއެވެ. (އެލިމާހު މިއީ ގުރީކު ބަހުން ބަރުޔޭޝުގެ ނަމެވެ. މި ބަހުގެ މާނައަކީ ފަންޑިތަވެރިޔާއެވެ.) މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އީސާގެފާނު ގަބޫލު ކުރުމުން ގަވަރުނަރު ދުރު ކުރުވުމަށް މި ބަރުޔޭޝު ގަދައަޅާ މަސައްކަތް ކުރިއެވެ.
ނަމަވެސް ޝާއުލް* 13‏:9 ޝާއުލް އަކީ ޕައުލްގެ ޢިބްރާނީ ނަމެވެ. ޝާއުލްއަކީ ބަނީއިސްރާއީލު މީހެއް ނަމަވެސް އޭނާއަކީ ރޯމުގެ ރައްޔިތެކެވެ. ޕައުލްއަކީ އޭނާއަށް ލެޓިން ބަހުން ކިޔޭ ނަމެވެ.، ނުވަތަ އޭނާގެ އަނެއް ނަމުން ނިސްބަތް ކުރާނަމަ ޕައުލް، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ ހާލުގައި ސީދާ އެ ފަންޑިތަވެރިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
10 ”އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟ 11 މާތްރަސްކަލާނގެ ކޯފާފުޅު ކަލޭގެ މައްޗަށް ލެއްވިއްޖެ. ދުވަސްކޮޅަކަށް ކަލޭގެ ލޮލުގެ އަލިކަން މުޅިން ގެއްލޭނެ. އެންމެ ކުޑަ ވެގެން އިރުގެ އަލިކަން ވެސް ކަލެއަކަށް ނުފެންނާނެ.“ ހަމައެވަގުތު އެލީމާހުގެ ލޮލަށް އަނދިރި ވެއްޖެއެވެ. އޭނާ އަތުގައި ހިފައިގެން ގެންގޮސްދޭނެ މީހަކު ވޭ ތޯ ބަލަން ވަށަވަށައިގެން އޭނާ އަތް އުކަން ފެށިއެވެ. 12 ގަވަރުނަރަށް މި ކަންތައްތައް ފެނިގެން ދިއުމުން އޭނާ މާތްރަސްކަލާނގެ ބަސްފުޅުތައް ގަބޫލުކޮށް އީސާގެފާނަށް އީމާންވިއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތަކާއި މެދު އެނގި ދަސްވި ކަންތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ.
ޕިސީދިޔާ ސަރަހައްދުގެ އަންތީޔޮކު
13 ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ. 14 ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.
15 ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.“ 16 ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ. 17 ބަނީއިސްރާއީލުގެ ވެރި ކަލާނގެ އަހަރެމެންގެ ކާބަފައިންނަށް ރަޙުމަތްލައްވާ މިޞްރުގައި އެމީހުންގެ އަދަދު ގިނަ ކުރެއްވި. އަދި އެކަލާނގެ މަތިވެރި ބާރުފުޅުން އެމީހުން އެ ޤައުމުން އަނބުރައިގެންދެވި. 13‏:17 ބައެއް ލަފުޒުތަކުގެ މާނައިގައިވާ މޫސާގެފާނު މިބަސް ބަލާ.
18 އެކަލާނގެ އެމީހުން ކުރި ހުރިހާ ކަމަކަށް ސާޅީސް އަހަރުވަންދެން ހަނަފަސް ބިމުގެ ތެރޭގައި ކެތްތެރިވެ ވޮޑިގެންވި. 19 މާތްރަސްކަލާނގެ ކަންޢާނު ކަރައިގެ ހަތް ޤައުމު ނެތިކުރައްވާ އެ ޤައުމުގެ ބިންތައް އެކަލާނގެ މީސްތަކުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންނަށް ދެއްވި. މިހުރިހާ ކަމެއްވެދިޔައީ ގާތްގަނޑަކަށް ހަތަރުސަތޭކަ ފަންސާސް ވަރަކަށް އަހަރުގެ ތެރޭގަ. 20 އެއަށް ފަހު އައީ ފަނޑިޔާރުން ވެރިކަން ކުރި ދުވަސްވަރު. ފަނޑިޔާރުންގެ ވެރިކަން ނަބީ ޞަމޫއީލްގެފާނުގެ ޒަމާނާއި ހަމައަށް ދެމި އޮތް. 21 ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.
22 މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.‘ 23 މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު. 24 އީސާގެފާނު ބަނީއިސްރާއީލު މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އަންގަވާ ދެއްވަން ފެށުމުގެ ކުރިން ޔަޙުޔާގެފާނު ވަޑައިގެން ބަނީއިސްރާއީލު މީސްތަކުންނަށް ފާފަކުރުމުން ދުރުވެ، މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި، ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި. 25 ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.‘ 26 އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް. 27 ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ. 28 އެމީހުންނަށް އެކަލޭގެފާނު ކުށްވެރިކުރެވޭނެ އެއްވެސް ސަބަބެއް ނުފެނުނު ނަމަވެސް އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ އީސާގެފާނަށް މަރުގެ އަދަބު ދިނުމަށް.
29 އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ. 30 ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. 31 އަދި އެކަލޭގެފާނު އަލުން ދިރިވަޑައިގެން އެކަލޭގެފާނާއި އެކު ގަލީލީއިން ޖެރޫސަލަމަށް އައި މީހުންނަށް އެތައް ދުވަހެއްވަންދެން ފެނި ހާމަވަމުން ދިޔަ. މިމީހުން މިހާރު އީސާގެފާނާއި ބެހޭ ގޮތުން ހެކިދީ އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅުތައް ބަނީއިސްރާއީލު މީހުންނަށް އަންގައިދެމުން އެބަދޭ. 32‏-33 އަޅުގަނޑާއި ބަރުނައްބާސް މިއަދު މި ތަނަށް މި އައީ ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް. އެއީ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެއްވި ވަޢުދު ފުޅު ފުރިހަމަ ކުރައްވާ އެ ކާބަފައިންގެ ދަރިކޮޅުގެ މީހުންނަށް ދައްކަވައިފި. މާތްރަސްކަލާނގެ އެ ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އެއީ ޒަބޫރުގެ ދެވަނަ ބާބުގައި ލިޔެވިގެންވީ ފަދައިން، ލިޔެވިގެން. ’ކަލޭގެފާނު ތިޔައީ ތިމަންކަލާނގެ ދަރިކަލުންނޭ. އެއީ މިއަދު ތިމަންކަލާނގެ ކަލޭގެފާނުގެ ބައްޕަ ކަމުގައި ވެއްޖެއޭ.‘ 13‏:32‏-33 މި އާޔަތުން މާތްރަސްކަލާނގެ މާނަކުރައްވާ އަންގަވަނީ އަލްމަސީޙު ކަމުގައިވާ އީސާގެފާނީ ރަސްކަލަކު ކަމުގައި އެކަލާނގެ ލައްވައިފި ކަމެވެ. 34 މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަދި ދެން ދުވަހަކު ވެސް އެކަލޭގެފާނު މަރުވެގެން ނެތިގެންނެއް ނުދާނެ. އެއީ ހަމަ މާތްރަސްކަލާނގެ ވަޙީކުރެއްވި މި ބަސްފުޅުތަކާއި އެއް ފަދައިން. ’ތިމަންކަލާނގެ ދާއޫދުގެފާނަށް ވަޢުދުފުޅު ވީ ބަރަކާތްތެރި ރަޙުމަތްފުޅު ކަލޭމެންނަށް ވެސް ދެއްވާނަމޭ.‘ 35 އަދި ޒަބޫރުގެ އެހެން އާޔަތެއްގައި މާތްރަސްކަލާނގެ މި ފަދައިން ވެސް ވަޙީކުރައްވާ އަންގަވާފައިވޭ. ’މާތްރަސްކަލާނގެ އެކަލާނގެ މާތް ކުރެއްވި މީހާގެ ހަށިގަނޑު ކުނިވެ ނެތިގެން ދިއުމަކަށް ދޫކޮށެއް ނުލާނެ.‘ 36 މި އާޔަތްތަކުގައި މި ވަނީ މާތްރަސްކަލާނގެ ދާއޫދުގެފާނާއި މެދު އެންގެވި ބަސްފުޅުތަކެއް ނޫން. އެއީ ދާއޫދުގެފާނު މި ދުނިޔޭގައި އުޅުއްވާ އެކަލޭގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައްތައް ކުރެއްވުމަށް ފަހު އަވަހާރަވި. އަދި އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލެވުނު. އަދި އެ ހަށިކޮޅު ކުނިވެ ނެތިގެން ދިޔަ. 37 ނަމަވެސް މާތްރަސްކަލާނގެ މަރުވުމަށް ފަހު އަލުން ދިރުއްވި މީހާގެ ހަށިގަނޑު އެ ފަދައިން ނެތިގެންނެއް ނުދޭ.
38 އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު. 39 މޫސާގެފާނު މެދުވެރިކޮށް ދެއްވުނު ޤާނޫނުތަކާ ގަވާއިދުތަކުގެ ސަބަބަކުން ތިޔަބައިމީހުންގެ ފާފައެއް ނުފޮއްސެވޭނެ. ނަމަވެސް އީސާގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކު ފާފައިން މިންޖުވެ މިނިވަން ވެ އެމީހެއްގެ ފާފަތައް ފޮހެވިގެން ދާނެ. 40 ނަބީބޭކަލުން މެދުވެރިކޮށް އެންގުނު ފަދައިން ކަލޭމެންނާއި ދޭތެރޭ ކަންތައް ވެގެން ނުދޭތޯ ސަމާލުވެ ތިބޭ. އެބޭކަލުން ލިޔުއްވި.
41 ’އޭ މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތް ކުރާ މީހުންނޭ، ދެކޭށޭ. އަޖައިބުވެ ހައިރާންވުމަށް ފަހު މަރުވެގެންދާށޭ. މި އަދު ތިމަންކަލާނގެ މި ކުރާ ކަންތަކަކީ ކަލޭމެންނަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނޭ. މީހަކު މި ކަންތަކުގެ ވާހަކަ ކަލޭމެންނަށް ކިޔާދިނަސް ކަލޭމެންނަކަށް މި ކަމެއް ގަބޫލެއް ނުކުރެވޭނެއޭ.‘ “
42 ޕައުލް އާއި ބަރުނައްބާސް އެ ދީނީ މަރުކަޒުން ދިއުމުގެ ކުރިން އެތާނގައި ތިބި މީސްތަކުން ޖެހިގެން އަންނަ ސަބަތުގެ ދުވަހުގައި ވެސް އެތަނަށް އައިސް މި ކަންތައްތަކާ ބެހޭ ގޮތުން އެމީހުންނަށް އިތުރަށް އަންގައިދީ ބުނެދިނުމަށް އެދުނެވެ. 43 މި ދީނީ މަރުކަޒުގައި ވީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކާ އަދި އެތާނގައި ތިބި ތެދުހިތުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އާ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކު ޕައުލް އާއި ބަރުނައްބާސްގެ ފަހަތުން އެދުވަހު ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް އެމީހުންގެ ކިބައިން އެދުނީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތްފުޅު ގަބޫލުކޮށް ލިބިގަނެ އަދި އެކަލާނގެ ކިބަފުޅަށް ގާއިމުކަމާއި އެކު އީމާންވެ ތިބުމަށެވެ.
44 ޖެހިގެން އައި ސަބަތުގެ ދުވަހުގައި މުޅިރަށުގެ އެންމެން ހެން މާތްރަސްކަލާނގެ ދެއްވި ޚަބަރުގެ އަޑު އެހުމަށް ދީނީ މަރުކަޒަށް އައެވެ. 45 ބަނީއިސްރާއީލުގެ ވެރިންނަށް މި ތަނަށް އެއްވެފައިވާ މީހުންގަނޑު ފެނުމުން ވަރަށް ހަސަދަވެރިވިއެވެ. އަދި ޕައުލް ދެރަކޮށް ދަށްކޮށްލުމަށް ވާހަކަދެއްކިއެވެ. އަދި އޭނާ ބުނި ކޮންމެ ބަހަކާއި އިދިކޮޅު ހަދާ ވާހަކަދެއްކިއެވެ. 46 ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. 47 އެއީ މާތްރަސްކަލާނގެ އަހަރެމެންނަށް ވަނީ މި އަމުރުފުޅު ކުރައްވާފަ. އެއީ ’ތިމަންކަލާނގެ ކަލޭމެން ތިޔައީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންގެ މައްޗަށް ވާ އައްޔެއް ކަމުގައި ލެއްވީމޭ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ މީސްތަކުންނަށް ދިންނެވުމުގެ މަގު ކަލޭމެން ދައްކާށޭ.‘ “
48 އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ހަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ 49 މާތްރަސްކަލާނގެ އާއި ބެހޭ މި ޚަބަރުފުޅުތައް މުޅި އެ ހިސާބުގަނޑުގައި ފެތުރެމުން ދިޔައެވެ.
50 ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ. 51 ޕައުލް އާއި ބަރުނައްބާސް އެމީހުންނާއި ދެކޮޅު ހެދި ކަމުގެ އިންޒާރެއްގެ ގޮތުން އެމީހުންގެ ފައިގައި އެ ރަށުގެ ވެލިން ހޭކުނު ހިރަފުސް ފޮޅާލާފައި އެ ރަށުން ފުރައިގެން އިކޯނިޔުމްއަށް ދިޔައެވެ. 52 އީސާގެފާނަށް އީމާންވީ މީސްތަކުން ވަނީ ވަރަށް އުފާވެރި ކަމުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުގެދަށުގައެވެ.

*13:9 13‏:9 ޝާއުލް އަކީ ޕައުލްގެ ޢިބްރާނީ ނަމެވެ. ޝާއުލްއަކީ ބަނީއިސްރާއީލު މީހެއް ނަމަވެސް އޭނާއަކީ ރޯމުގެ ރައްޔިތެކެވެ. ޕައުލްއަކީ އޭނާއަށް ލެޓިން ބަހުން ކިޔޭ ނަމެވެ.

13:17 13‏:17 ބައެއް ލަފުޒުތަކުގެ މާނައިގައިވާ މޫސާގެފާނު މިބަސް ބަލާ.

13:32‏-33 13‏:32‏-33 މި އާޔަތުން މާތްރަސްކަލާނގެ މާނަކުރައްވާ އަންގަވަނީ އަލްމަސީޙު ކަމުގައިވާ އީސާގެފާނީ ރަސްކަލަކު ކަމުގައި އެކަލާނގެ ލައްވައިފި ކަމެވެ.