14
އީސާގެފާނާއި ދެކޮޅަށް މަޝްވަރާކޮށް ރޭވުން
1 ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ. 2 އަދި އެބައިމީހުންގެ ތެރޭގައި މަޝްވަރާ ކުރެވުނެވެ. ”އަހަރެމެން މިކަން ކުރަންވާނީ މި ޢީދު ތެރޭގައެއް ނޫން. އަހަރެމެން މި ޢީދު ތެރޭގައި މިކަން ކޮށްފިނަމަ މީސްތަކުން އަހަރެމެންނާއި ދެކޮޅަށް ބަޣާވާތްކުރާނެ.“
ބެތާނިޔާގައި އީސާގެފާނުގެ ބޯފުޅު އަތަރުން ދޮންނެވުން
3 އީސާގެފާނު ބެތާނިޔާގައި ހުންނަ ސިމްޢާނުގެ ގޭގައި ހުންނެވިއެވެ. މި ސިމްޢާނުއަކީ ޖުޒާމު ބަލީގެ ވޭނުގައި މީގެކުރިން އުޅުނު މީހެކެވެ. އީސާގެފާނު ފަރީއްކުޅުވަމުން ގެންދެވިހިނދު ސަންގުމަރުމަރު ހިލައިގެ އަގުބޮޑު އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެފުޅީގެ މަތި ހަލާކު ކޮށްލުމަށް ފަހު އެ ފުޅީގައި ހުރި ހުރިހާ އަތަރެއް އީސާގެފާނުގެ އިސްތަށިފުޅަށް އޮއްސާލިއެވެ. 4 އެތަނުގައި ތިބި ބައެއް މީސްތަކުން މިކަމާއި ހިތްހަމަނުޖެހި ރުޅިއައިސް އެކަކު އަނެކަކަށް ބުންޏެވެ. ”މިގޮތަށް ހުވަނދު އިސްރާފު ކުރުމުގެ ބޭނުމަކީ ކޮބާ؟ 5 ތިންސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ.* 14:5 ތިންސަތޭކަ ދީނާރަކީ އެދުވަސްވަރު އަހަރަކު މީހަކަށް ލިބޭނެ އާމްދަނީއެވެ. އަދި އެފައިސާ ފަޤީރުންނަށް ދެވޭނެ!“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.
6 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”އެ ކަނބުލޭގެ އެކަން ކުރުމަށް ދޫކޮށްލާ! އެކަނބުލޭގެއާ ދިމާކުރަނީ ކީއްވެ؟ އަހަރެންނަށްޓަކައި އެކަނބުލޭގެ ކޮށްދެމުން އެގެންދަނީ ވަރަށް އެއްވަނައިގެ ކަމެއް. 7 ތިޔަބައިމީހުންނާއިއެކު އަބަދުވެސް ފަޤީރުންވާނެ. އަދި ބޭނުން ވަގުތެއްގައި އެމީހުންނަށް އެހީތެރިވެވިދާނެ. ނަމަވެސް ތިޔަބައިމީހުންގެ ކައިރީގައި އަބަދަށް އަހަރެން ނުހުންނާނެ. 8 އެކަނބުލޭގެ އެކުރަނީ އެކަނބުލޭގެ ކުރެވެން އޮތްކަންތައް. އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް އެއަތަރު އޮއްސައިދިނީ އަހަރެންގެ ޖަނާޒާއަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން. 9 މިހިނދު އަހަރެން ތިޔަބައިމީހުންނަށް ޔަޤީންކަންދެން. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.“
ޔުދާސް އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް އެއްބަސްވުން
10 ދެން ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް އީސާގެފާނަށް ޚިޔާނާތްތެރިވެ އެބައިމީހުންނާއި އެކަލޭގެފާނު ޙަވާލުކުރެވޭނޭ ގޮތެއް ރާވައިދިނެވެ. 11 އެބައިމީހުން މި އިވިދިޔަ ވާހަކަތަކާ މެދު ނުހަނު އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް ވަޢުދުވިއެވެ. އެގޮތުން އެބައިމީހުންނާއި އީސާގެފާނު ޙަވާލު ކުރެއްވޭނެ ރަނގަޅު ފުރުސަތަކަށް ޔުދާސް ބަލަން ފެށިއެވެ.
ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތުގައި އަސްޙާބީންނާއި އެކުގައި ބައިވެރިވެ ވަޑައިގަތުން
12 ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ޤުރުބާނުގެ ގޮތުން މި ޢީދުގެ ޚާއްސަ ޖާފަތަށް ޅަ ކަންބަޅިއެއް ކަތިލާންޖެހެއެވެ. 14:12 ނެރުއްވުން 12:1-27 އެހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”މި ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ޖާފަތް ކަލޭގެފާނަށްޓަކައި އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތާނކުތޯ؟“
13 އެހިނދު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެ ބޭފުޅަކަށް މިފަދައިން އިރުޝާދު ދެއްވައި ފޮނުވިއެވެ: ”އަވަށު ތެރެއަށްދޭ. އަދި ފެން ގުޅިއެއް ހިފައިގެން އަންނަ ފިރިހެނަކާއި ތިޔަބައިމީހުންނާއި ބައްދަލުވާނެ. އެމީހާގެ ފަސްފަހަތުން ދޭ. 14 އޭނާ ވަންނަ ގެއަށް ވަދެ އެ ގޭގެ ވެރިމީހާއަށް ބުނޭ: ’އެދުރުކަލޭގެފާނު ބުންޏޭ، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަސްޙާބީން މި ޢީދުގެ ޖާފަތް ބާއްވަންވީ ކޮޓަރި ކޮބައިހޭ؟‘ 15 އެއަށް ފަހު މަތީ ބުރީގައި ހުރިހާ ކަމެއް ތަރުތީބުކުރެވި ފުރިހަމަ ކުރެވިފައިވާ ބޮޑު ކޮޓަރިއެއް އެ މީހާ ތިޔަބައިމީހުންނަށް ދައްކާނެ. އެތަނުގައި އަހަރެމެންނަށްޓަކައި ތިޔަބައިމީހުން ހުރިހާ އެއްޗެއް ތައްޔާރުކުރޭ.“
16 އެކަލޭގެފާނުގެ އަސްޙާބީން އަވަށުގެ ތެރެއަށް ދިޔައެވެ. އަދި އީސާގެފާނު އެބޭކަލުންނަށް އިރުޝާދު ދެއްވި ފަދައިން ހުރިހާކަމެއް ހިނގާދިޔަތައް އެބޭކަލުންނަށް ފެނުނެވެ. އެއާއެކު ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތް އެކަލޭގެފާނު ވިދާޅުވި ފަދައިން ތައްޔާރުކޮށް ނިންމެވިއެވެ.
17 އިރުއޮއްސި ދިޔަހިނދު އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިއެކުގައި އެ ގެއަށް ވަޑައިގެންނެވިއެވެ. 18 އަދި އެ ހުރިހާ ބޭކަލުން މޭޒުގެ ވަށައިގެން ތިއްބަވާ ފަރީއްކުޅުވަމުން ގެންދެވިއެވެ. އެހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް އަހަރެން ބުނަންތަ؟ ތިޔަބައިމީހުންގެ ތެރެއިން އަހަރެންނަށް ޚިޔާނާތްތެރިވާނެ ފަރާތް މި ކެއުމުގައި އަހަރެންނާއި އެކު ސުފުރާ ކުރަމުންއެބަދޭ.“
19 އެންމެހައި އަސްޙާބީން ފުން ހިތާމައާއިއެކު ނުތަނަވަސްވެ ތިބެ ފަހަރަކު މީހަކު އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”ހަމަޔަޤީނުންވެސް ކަލޭގެފާނު ތިޔަ މާނަ ކުރެއްވީ އަޅުގަނޑަކަށްނޫން. އެހެން ނޫންތޯ؟“
20 އީސާގެފާނު ޖަވާބުދެއްވިއެވެ. ”އެމީހަކީ ތިޔަ ބާރަ މީހުންގެ ތެރެއިން އެކަކު. އަހަރެންނާއިއެކުގައި މިހާރުވެސް މިތަށިން ކާތަކެތި ނަގައި ކާން އިން މީހެއް. 21 މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން ނިޔާވާނެ. ނަމަވެސް އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ވާ ހިތާމައެއްގެ ބޮޑުކަމާއެ! އެފަދަ މީހަކު ދުނިޔެއަށް އުފަން ނުވިނަމަ އޭނާއަށް މާ ރަނގަޅުވީސް!“
ރޫޙާނީ އެއްބައިވަންތަކަމުގެ ފަރިއްކޮޅު
22 އެބޭކަލުން ފަރީއްކުޅުވަމުން ގެންދެވިހިނދު، އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވުމަށް ފަހު ވިދާޅުވިއެވެ. ”ތި ރޮށިކޮޅު ކާލާ. ތިޔައީ އަހަރެންގެ ހަށިގަނޑު.“
23 އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. އަދި އެންމެހާ ބޭކަލުން އެތަށިން ހިއްޕެވިއެވެ. 24 އެހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔައީ އަހަރެންގެ ލޭ. ތިޔަ ލޭ އޮއްސާލެވެނީ އެތައް ބަޔަކަށްޓަކައި. އަދި މިއީ މީސްތަކުންނާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ގާއިމު ކުރެވޭ އާ ޢަހުދުނާމާ. 25 އަހަރެން ތެދަށް ބުނަންތަ؟ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ތާޒާ ބުއިމެއް ބުއިމުގެ ކުރީގައި އަހަރެން ދެނެއް މިފަދަ ބުއިމެއް ނުބޯނަން.“
26 ދެން އެބޭކަލުން މަދަޙައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.
27 އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން އެންމެންވެސް އަހަރެން ދޫކޮށް ދުވެ ރައްކާވެދާނެ. އެހެނީ މުގައްދަސް ފަތްފުށްތަކުގައި ލިޔެވިފައިވަނީ މިހެން.
’ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.‘ 14:27 ޒަކަރިއްޔާ 13:7 28 ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.“
29 ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މި އެންމެން ކަލޭގެފާނު ދޫކޮށްލެއްވިއަސް އަޅުގަނޑު ކަލޭގެފާނު ދޫކޮށް ނުލާނަން.“
30 އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”އަހަރެން ބުނަންތަ؟ މިރޭ ފަތިހުގެ ހައު ދެފަހަރަށް ގޮވުމުގެ ކުރިން ތިންފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.“
31 ޕަތަރަސް އިހުނަށް ވުރެން ސާބިތު ކަމާއެކުގައި ދެންނެވިއެވެ. ”ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!“
އަދި އެހެނިހެން އަސްޙާބީންވެސް މިމޭރުމުން ދެންނެވިއެވެ.
ގަތުސެމާނޭބަގީޗާގައި އީސާގެފާނު ދުޢާފުޅު ކުރެއްވުން
32 އެއަށް ފަހު އެބޭކަލުން ވަޑައިގެންނެވީ ގަތުސެމާނެ ބަގީޗާގެ ނަމުން ނަންދެވިފައިވާ ތަނަކަށެވެ. އަދި އެތަނުގައި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”އަހަރެން ދުޢާކޮށް ނިމިގެން އަންނަންދެން މިތާނގައި އިށީނދެގެން ތިބޭ.“ 33 އަދި އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒާއި ޔޫޙަންނާ ގެންދެވިއެވެ. އެހިނދު އެކަލޭގެފާނު ފުން ހިތާމައާއި ވޭނުން ފުރިގެން ވިއެވެ. 34 އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި ހޭލާ ތިބޭތި.“
35-36 ކުޑަ ތަންކޮޅެއް ކުރިއަށް ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއިމެދު ކުރިމަތިވަމުން އަންނަ ވޭންދެނިވި ވަގުތާއިމެދު އެކަލޭގެފާނު ވަނީ ފުން ހިތާމައިގައެވެ. އަދި އެވަގުތު އެކަލޭގެފާނާއި ކުރިމަތި ނުކުރެއްވުމަށް އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. ”އަހަރެންގެ ބައްޕާފުޅާ! އެންމެހާ ކަންތައްތައް ކުރެއްވުމަށް ބައްޕާފުޅު ކުޅަދުންވަންތަވެ ވޮޑިގެންވޭ. ބައްޕާފުޅަށް ކުރެއްވެން އޮތްނަމަ މި ވޭންދެނިވި ތަށި އަހަރެންގެ އަތުން ނަންގަވައި ދެއްވާނދޭވެ. ނަމަވެސް އަހަރެން އެދޭ އެދުމަށް ވުރެން ބައްޕާފުޅު އެދެވޮޑިގެންވާ ގޮތުގެ މަތިން މިކަންތައްތައް ހިންމަވައިދެއްވާނދޭވެ.“
37 އެއަށް ފަހު އެކަލޭގެފާނު އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެ ތިން އަސްޙާބީންނަށް ވަނީ ނިދިފައެވެ. އެހިނދު އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”ޕަތަރަސް، ނިދަނީތަ؟ އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟“ 38 އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވާނީ ބަލިކަށިވެގެން.“
39 އެއަށް ފަހު އީސާގެފާނު އެބޭކަލުންނާއި ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ ކުރީފަހަރު ވިދާޅުވި ބަސްފުޅުތަކުން އިތުރަށް ދުޢާ ދެންނެވިއެވެ. 40 ދެން އެކަލޭގެފާނު އެނބުރި އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެއީ އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވުމުންނެވެ. އަދި އެކަލޭގެފާނަށް ދެއްވާނޭ ޖަވާބެއް އެބޭކަލުންގެ ވިސްނުމަކަށް ނައެވެ.
41 އެބޭކަލުންގެ ކައިރިއަށް ތިންވަނަ ފަހަރަށް އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމަށް ފަހު ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިވަގުތު އަރާމުގައި ނިދަނީތަ؟ މިހާރު ފުދޭ ވަރު ވެއްޖެ! ސަމާލުވޭ! އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ، ފާފަވެރިންގެ އަތްމައްޗަށް ހުށަހެޅޭނެ ވަގުތު މިވަނީ ކުޑަތަންވެފަ! 42 ތެދުވެ ދިއުމަށް ތައްޔާރުވޭ. ބަލާބަލަ، އަހަރެންނަށް ޚިޔާންތެރިވި މީހާ މިހިރީ!“
އީސާގެފާނު ހައްޔަރު ކުރެއްވުން
43 އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ޖަމާޢަތުގެ ބޮޑުން ފޮނުވި ބައެކެވެ. 44 މި ޚިޔާނާތްތެރިޔާ، ޔުދާސް، މީސްތަކުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރުމަށް ފަހު ފާރަވެރިންނާއި ޙަވާލު ކުރޭ.“
45 ޔުދާސްއަށް އެތަނަށް އާދެވުމާއި އެކު އޭނާ އީސާގެފާނުގެ އަރިހަށް ގޮސް ”އެދުރުކަލޭގެފާނު!“ އޭ ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ. 46 އެއާއެކު އެބައިމީހުން އީސާގެފާނު ހިފާ ހައްޔަރު ކޮށްފިއެވެ. 47 ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބޭކަލަކު ކަނޑި އުރައިން ދަމައިގަތުމަށް ފަހު ދިން ޙަމަލާއެއްގައި އުއްތަމަ އިމާމުގެ ނޯކަރެއްގެ އެއް ކަންފަތް ކަނޑާލިއެވެ. 48 އެއަށް ފަހު އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ 49 ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.“
50 އެއާއެކު އެންމެހައި އަސްޙާބީން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ. 51 އެހިނދު ހުދުފޮތީގެ ފޭރާމެއް އަނދެގެން ހުރި ޒުވާން ފިރިހެނަކު އެތަނުގައިވިއެވެ. އަދި އީސާގެފާނާއިމެދު ކަންތައްތައް ވަމުންދާގޮތް އޭނާ ބަލަމުން ގެންދިޔައެވެ. އެބައިމީހުން މި ޒުވާން ފިރިހެނާ ހައްޔަރު ކުރަން މަސައްކަތް ކުރިއެވެ. 52 އެހެނަސް އޭނާ އަނދެގެން ހުރި ފޭލި އެބައިމީހުންގެ އަތަށް ދޫކޮށް ލުމަށް ފަހު ޢައުރަ ކަޝްފު ވެގެންވީ ޙާލުގައި ދުވެ ފިލިއެވެ.
އީސާގެފާނު ބަނީއިސްރާއީލުގެ ދީނީ ކޯޓަށް ގެންދެވުން
53 އެއަށް ފަހު އެބައިމީހުން އުއްތަމަ އިމާމުގެ ގެއަށް އީސާގެފާނު ގެންދެވިއެވެ. އޭރު އެތަނުގައި ބޮޑު އިމާމުންނާއި، ޖަމާޢަތުގެ ބޮޑުންނާއި، އަދި ދީނުގެ ދަންނަބޭކަލުން އެ ގޭގައި އެއްވެ ތިއްބެވެ. 54 ޕަތަރަސް ކުޑަ ތަންކޮޅެއް ދުރުން މިކަންތައްތައް ބަލަމުން ގޮސް އުއްތަމަ އިމާމުގެ ގޯތިތެރެއަށް ވަނެވެ. އެތަނުގައި އިށީނދެގެންތިބި ފާރަވެރިންގެ ކައިރީގައި އޭނާ އިށީނދެ އެތަނުގައި ރޯކުރެވިފައިވީ އަލީފާނުން އޭނާގެ ހަށިގަނޑަށް ހޫނު ކުރަމުން ގެންދިޔައެވެ. 55 އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ސާބިތު ކުރެވޭފަދަ ހެކިތަކެއް ލިބޭތޯ ބޮޑު އިމާމުންގެ އިތުރުން ބަނީއިސްރާއީލުގެ ދީނީ ކޯޓުގެވެރިން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެބައިމީހުންނަށް އެއްވެސް ހެއްކެއް ލިބިގެން ނުވިއެވެ. 56 ގިނަ ޢަދަދެއްގެ މީސްތަކުން ވެގެން އީސާގެފާނާއި ދެކޮޅަށް ދޮގުހެކި ދިން ކަމުގައި ވިޔަސް އެއިން އެއްވެސް މީހެއްގެ ވާހަކަ އެކަކުއަނެކަކު ކިޔާ އެއްޗަކާ ދިމައެއް ނުވެއެވެ.
57 އެތަނުން ބަޔަކުމީހުން ތެދުވެ އީސާގެފާނާއި ދެކޮޅަށް ދޮގުހެކި ބަސް ދިނެވެ. 58 ”އަހަރެމެން އަޑުއެހިން އޭނާ ބުނި އަޑު. ’އިންސާނުންގެ އަތުން ޢިމާރާތް ކޮށްފައިވާ ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި މީހެއްގެ ކުޑަވެސް އެހީއަކާ ނުލާ ބިނާކޮށްފާނަމޭ.‘ “ 59 މި ހެކި ބަހާއި މެދުގައިވެސް އެބައިމީހުންނަށް އެއްބަހެއް ނުވެވުނެވެ.
60 ދެން އުއްތަމަ އިމާމު ތެދުވެގެން އައިސް އެންމެނާއި ކުރިމަތިލައިގެން ހުރެ އީސާގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުންދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟“
61 އެހެނަސް އީސާގެފާނު ޖަވާބެއް ނުދެއްވާ ހަނުހިމޭނުން ހުންނެވިއެވެ. އަނެއް ފަހަރު އުއްތަމަ އިމާމު އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއަކީ އަހަރެމެން އަޅުކަންކުރާ މަތިވެރި ފަރާތުގެ ދަރިކަލުން އަލްމަސީޙު ތަ؟“† 14:61 ބަނީއިސްރާއީލުންގެ ތެރޭގައި ”މަތިވެރި ރަސްކަލާނގެ ދަރިކަލުން“ މި ބަސް ބޭނުންކުރަނީ އަލްމަސީޙަށް ނިސްބަތް ކުރައްވައެވެ. އަދި އަލްމަސީޙަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނޭ ފަރާތެވެ. އަލްމަސީޙު ކަމުގައި އެކަލޭގެފާނު ވިދާޅުވުމުން ކުފުރުވެ ވަޑައިގަތުންކަމުގައި އެބައިމީހުން ދުށްމެއެވެ.
62 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިޔައީ ތެދެއް. އިންސާނާގެ ދަރިކަލުން މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިންނަވައި އުޑުން ވިލާތަކުގެ ތެރޭން ވަޑައިގަންނަވާތަން ތިޔަބައިމީހުންނަށް ފެންނާނެ!“ 14:62 ދާނިޔާލް 7:13
63 އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރާލާފައި ބުންޏެވެ. ”އިތުރު އެއްވެސް ހެއްކެއް އަހަރެމެންނަކަށް ބޭނުމެއްނުވޭ! 64 އޭނާގެ ކުފުރުގެ ބަސްތައް ތިޔަބައިމީހުންނަށް އަޑު އިވިއްޖެ. ތިޔަބައިމީހުންގެ ނިންމުމަކީ ކޮބާ؟“
އެ އެންމެތަކުން އެކަލޭގެފާނު ކުށްވެރިކޮށް މަރު ޙައްޤު ވެއްޖެ ކަމަށް ނިންމައިފިއެވެ.
65 އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.
ޕަތަރަސް އީސާގެފާނު ދަންނަކަމުގައި އިންކާރު ކުރުން
66 އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ. 67 މި އަންހެނާއަށް ޕަތަރަސް އޭނާގެ ހަށިގަނޑަށް ހޫނުކުރަން އެތަނުގައި އިންދާ ފެނުނެވެ. އެހިނދު މި އަންހެނާ ފަރުވާތެރި ކަމާއެކު ޕަތަރަސްއަށް ބަލާލައިފައި ބުންޏެވެ. ”ކަލެއަކީ ވެސް ނާޒަރަތުގެ އީސާ އާއި އެކުގައި އުޅުނު މީހެއް.“
68 ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅު ހަދައި ބުންޏެވެ. ”އަހަންނަކަށް ނޭނގެ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގުނު.“ މިފަދައިން ޖަވާބު ދިނުމަށް ފަހު ޕަތަރަސް އެތަނުން ބޭރަށް ދިއުމަށްޓަކައި ވަންނަ ދޮރުގެ ކައިރިއަށް ދިޔައެވެ. އެވަގުތު ހާލެއް ގޮވިއެވެ. 69 އަދި ޕަތަރަސް އެތަނުގައި ހުއްޓާ އެ ނޯކަރު އަންހެނާއަށް ޕަތަރަސް ފެނިގެން އެތަނުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”މިހިރީ ވެސް އޭނާ އާއި އެކުގައި ވީ މީހެއް!“ 70 މިފަހަރުވެސް ޕަތަރަސް އެކަމާ އިންކާރު ކުރިއެވެ.
އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެތަނުގައި ތިބި މީސްތަކުން ޕަތަރަސްއާއިމެދު ތުހުމަތުކޮށް ބުންޏެވެ. ”ހަމަޔަޤީން. ކަލެއަކީވެސް އޭނާއާއި އެކުގައިވާ މީހެއް. ސަބަބަކީ ކަލެއަކީވެސް ގަލީލީން އައިމީހެއް.“
71 ދެން ޕަތަރަސް ބުންޏެވެ. ”އަހަރެން ހުވާ ކޮށްފައި ބުނާ މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ކަލޭމެން ތިޔަ ވާހަކަ ދައްކާ މީހާއެއް އަހަރެންނަކަށް ނޭނގެ!“
72 އެހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިންފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.
*14:5 14:5 ތިންސަތޭކަ ދީނާރަކީ އެދުވަސްވަރު އަހަރަކު މީހަކަށް ލިބޭނެ އާމްދަނީއެވެ.
14:12 14:12 ނެރުއްވުން 12:1-27
14:27 14:27 ޒަކަރިއްޔާ 13:7
†14:61 14:61 ބަނީއިސްރާއީލުންގެ ތެރޭގައި ”މަތިވެރި ރަސްކަލާނގެ ދަރިކަލުން“ މި ބަސް ބޭނުންކުރަނީ އަލްމަސީޙަށް ނިސްބަތް ކުރައްވައެވެ. އަދި އަލްމަސީޙަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނޭ ފަރާތެވެ. އަލްމަސީޙު ކަމުގައި އެކަލޭގެފާނު ވިދާޅުވުމުން ކުފުރުވެ ވަޑައިގަތުންކަމުގައި އެބައިމީހުން ދުށްމެއެވެ.
14:62 14:62 ދާނިޔާލް 7:13