9
އީސާގެފާނު އުފަންވީއިރު ވެސް ލޯ އަނދިރި މީހެއްގެ ލޯ އަލިކޮށްދެއްވި
އީސާގެފާނު މަގުމަތިން ހިންގަވައި ވަޑައިގަންނަވަނިކޮށް އުފަންވީއްސުރެން ލޮލަށް ނުފެންނަ މީހަކު ފެނިވަޑައިގަތެވެ. އެމީހާ ފެނިވަޑައިގަތުމުން އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”އެދުރުކަލޭގެފާނު! މިމީހާއަކީ އުފަންވީ އިރުވެސް ލޯ އަނދިރި މީހެއް. މި މީހާ އުފަންވީ އިރު ލޮލަށް ނުފެންނަނީ ކާކު ކުރި ފާފައެއްގެ ސަބަބުންތޯ؟ އެއީ އޭނާ ކުރި ފާފައަކާހެދިތޯ؟ ނޫނީ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބުންތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. ”އެއަކީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބަކުންވެސް ނޫން. އެއީ މާތްރަސްކަލާނގެ ކުޅަދުން ވަންތަކަން މީސްތަކުންނަށް ދެއްކެވުމަށްޓަކާ. ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށްވެސް އެކަންތަކެއް ނުކުރެވޭނެ. އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން މީ ދުނިޔޭގެ އަލިކަން.“
ދެން އީސާގެފާނު ބިންމައްޗަށް ކުޅުފޮދެއް ޖައްސަވައި އެ ކުޅުފޮދު ވެއްޔާ އެއްކުރައްވައި އެމީހާގެ ލޮލުގައި އުނގުޅުއްވިއެވެ. އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”ސިލުވާމު (މިބަހުގެ މާނައަކީ ފޮނުވި) އޭކިޔުނު ވެވަށް ގޮސް އެވެވުން ލޯ ދޮވެލާ.“ އެމީހާ އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އޭނާގެ ލޮލަށް ވަނީ އަލިވެފައެވެ.
މިމީހާގެ ގޭދޮށު މީހުންނާއި އަދި ލޯ އަނދިރި ސަލާންޖަހާ މީހެއްގެ ގޮތުގައި އޭނާ ފެނިފައިވާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”މިހިރަ ދަނީ އެ ލޯ އަނދިރި ސަލާންޖަހާ މީހާއެއް ނޫންތަ؟“
އެއްބަޔަކު ބުންޏެވެ. ”އެއީ ހަމަ އެމީހާއޭ.“ އަދި އަނެއްބަޔަކު ”އެއީ އެމީހާއެއް ނޫނޭ، އެމީހާއާ ވައްތަރު އެހެން މީހެކޭ.“ ބުންޏެވެ. ނަމަވެސް އެމީހާ ބުނަމުންދިޔައެވެ. ”އަހަރެން މިއީ ހަމަ އެމީހާ.“
10 ދެން އެމީހުން އަހައި ސުވާލުކުރިއެވެ. ”ކަލޭގެ ލޯ ރަނގަޅުވެ ފެންނަ ގޮތްވީ ކިހިނެއް؟“
11 އޭނާ ބުންޏެވެ. ”އީސާއޭ ނަމަކަށް ކިޔުނު މީހަކު އަހަރެންގެ ލޮލުގައި ކިލާކޮޅެއް އުނގުޅާފަ ސިލުވާމުއަށް ގޮސް ދޮވެލުމަށް ބުނުމުން އަހަރެން އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އަހަރެންގެ ލޮލަށް ވަނީ އަލިވެފަ.“
12 ދެން އެމީހުން ބުންޏެވެ. ”ތިޔަ ބުނާ މީހާ ކޮބައިތަ؟“ އޭގެ ޖަވާބުގައި އޭނާ ބުންޏެވެ. ”އޭނާ ވީތަނެއް މަށަކަށް ނޭނގެ.“
ފަރީސީން ލޯ އަނދިރި މީހާގެ ލޯ ފަސޭހަ ވީ ގޮތް ހޯދާބެލި
13 ދެން މީހުން މިމީހާ ގޮވައިގެން ފަރީސީނުގެ ގާތަށް ހިނގައްޖެއެވެ. 14 އީސާގެފާނު ކިސަޑުކޮޅު އެއްކުރެއްވައި އެމީހާގެ ލޯ ފަސޭހަކޮށްދެއްވި ދުވަސްވީ ސަބަތުގެ ދުވަހަކަށެވެ.
15 ދެން ފަރީސީން އެމީހާއާއި ސުވާލު ކުރިއެވެ. ”ކަލޭގެ ލޮލަށް އަލިވީ ކިހިނެއްތަ؟“
އެމީހާ ބުންޏެވެ. ”އެމީހާ ލޮލުގައި މަށިކޮޅެއް ހާކައިލި. ދެން އަހަރެން ގޮސް ލޯ ދޮވެލިއިރު އަހަރެންގެ ލޮލަށް ހުރީ އަލިވެފަ.“
16 އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.
17 ދެން އެމީހުން ލޮލުގެ އަލިކަން ލިބުނު މި މީހާއާއި އިތުރަށް ސުވާލު ކުރިއެވެ. ”އޭނާ ފަސޭހަކޮށް އަލިކޮށް ދިނީ ކަލޭގެ ލޯ. ވީއިރު ކަލޭ އޭނާއާ ދޭތެރޭ ބުނަނީ ކީކޭތަ؟“
އެމީހާ ޖަވާބުގައި ބުންޏެވެ. ”އަޅުގަނޑު ބުނާނީ އެމީހާ އެއީ ހަމަ ރަސޫލުބޭކަލެކޭ.“
18 ނަމަވެސް ބަނީއިސްރާއީލު މީހުންގެ ވެރިން މި މީހާއަކީ އުފަންވީއްސުރެން ލޯ އަނދިރި މީހެއް ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރިއެވެ. އެހެން ކަމުން އެމީހުން އޭނާގެ މައިންބަފައިން ބަލާ ފޮނުވިއެވެ. 19 އެމީހުން އޭނާގެ މައިންބަފައިންނާއި ސުވާލު ކުރިއެވެ. ”މިއީ ވިހޭއްސުރެ ލޯ އަނދިރި ކަމަށް ބުނާ ކަލޭމެންގެ ދަރިތަ؟ މިހާރު އޭނާގެ ލޮލަށް އެފެންނަނީ ކިހިނެއް؟“
20 އެމީހާގެ މައިންބަފައިން ބުންޏެވެ. ”އަޅުގަނޑުމެންނަށް ޔަޤީންވެސް އެނގޭ ކަމަކީ މިއީ އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅުކަން. އަދި ވިހޭއްސުރެ އޭނާގެ ލޮލަށް ނުފެންނަކަން. 21 އެކަމަކު މިހާރު އޭނާގެ ލޮލަށް އެ ފެންނަނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި އޭނާގެ ލޮލަށް ފެންނަ ގޮތް ހަދާދިނީ ކާކުކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އޭނާއަކީ ތަސައްރަފުފުދި ބޮޑުވެފައިހުރި މީހެއް. ވީމާ ތިޔަބޭފުޅުން އޭނާ ކުރެން ސުވާލުކޮށް އޮޅުންފިލުއްވަ ބައްލަވަ.“ 22 އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ. 23 ”އޭނާ އެހެރީ ތަސައްރަފު ފުދިފަ އޭ، އޭނާ ކުރެން ތި ކަމާ ސުވާލު ކުރާށޭ“ މިހެން އޭނާގެ މައިންބަފައިން ބުނީ އެހެން ވެގެންނެވެ.
24 އެހެންވެ ލޮލަށް އަލިކަން ލިބުނު މީހާ އަށް ފަރީސީން އެންގިއެވެ. ”ކަލޭ މާތްރަސްކަލާނގެ ކިބަފުޅަށް ހުވާކޮށް ތެދުބުނޭ. ތިޔަ ބުނާ އީސާއަކީ ދޮގުވެރި ފާފަވެރިއެއް ކަން އަހަރެމެންނަށް އެނގޭ.“
25 ދެން އޭނާ ޖަވާބުގައި ބުންޏެވެ. ”އެ މީހާއަކީ ފާފަވެރިއެއް ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ ކުރީގައި އަޅުގަނޑަކީ ލޯ އަނދިރި މީހެއް ކަން. ނަމަވެސް މިހާރު އަޅުގަނޑުގެ ލޮލަށް މި ވަނީ އަލިވެފަ ކަން.“
26 އެމީހުން ސުވާލު ކުރިއެވެ. ”އޭނާ ކަލެއަށް ކުރީ ކީއް؟ އޭނާ ކަލޭގެ ލޯ އަލިކުރަން ހެދީ ކިހިނެއް؟“
27 އޭނާ ޖަވާބުގައި ބުންޏެވެ. ”މިހާރު އެއްފަހަރު އަޅުގަނޑު އެކަންތައް ވީގޮތް ތަފްސީލުކޮށް ކިޔާދީފިން. ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަތައް ގަބޫލެއް ނުކުރެއްވި. އަނެއްފަހަރު ވެސް އެވާހަކަތައް އަޅުގަނޑު ލައްވާ ބުނުވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އަނެއްކާ ތިބޭފުޅުންވެސް އޭނާއާ ތަބާވާން ބޭނުންފުޅުވަނީތޯ؟“
28 ދެން އެމީހުން އޭނާއާ ދިމާއަށް އެއްޗިހި ކިޔައިގެންފައި ބުންޏެވެ. ”އޭނާ އަށް ތަބާވެގެން ތިހިރީ ކަލޭ. އަހަރެމެންނަކީ މޫސާގެފާނަށް ތަބާވެގެން ތިބި މީހުން. 29 މޫސާގެފާނަށް މާތްރަސްކަލާނގެ ކަންތައްތައް އަންގަވައި ބަސްފުޅުތައް ވަޙީ ކުރެއްވިކަން އަހަރެމެންނަށް އެނގޭ. އެކަމަކު މި ކަލޭގެ މިއީ ކޮންތާނކުން އައި ކާކު ކަމެއްވެސް އަހަރެމެންނަކަށް ނޭނގެ.“
30 އެމީހާ ޖަވާބުގައި ބުންޏެވެ. ”ތިޔަހެން ވިއްޔާ ތިޔައީ ވަރަށް އަޖައިބުވާ ވަރުގެ ކަމެއް. މި މީހަކީ ކޮންތާނކުން އައި ކާކުކަމެއްވެސް ތިޔަބޭފުޅުންނަކަށް ނޭނގޭ. އެކަމަކު އެ މީހާ އަޅުގަނޑުގެ ލޮލަށް އަލިކޮށް ދީފި. 31 އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މާތްރަސްކަލާނގެ ފާފަވެރިންގެ ދުޢާ އިޖާބަ ނުކުރައްވާ ކަން. މާތްރަސްކަލާނގެ އައްސަވާވޮޑިގެންވަނީ އެކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އެކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންގެ ދުޢާކަން. 32 ވިހޭއްސުރެން ވެސް ލޮލަށް ނުފެންނަ މީހަކަށް ލޮލުގެ އަލިކަން މީހަކު ދިން ވާހަކައެއް ދުނިޔެ ހެއްދެވީއްސުރެ މީހަކު ބުނި އަޑު ދުވަހަކަވެސް ނާހަން. 33 މި ކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއް ނޫން ނަމަ އެފަދަ ކަންތަކެއް ނުކުރެވުނީސް.“
34 ފަރީސީން އެމީހާއަށް ބުންޏެވެ. ”ކަލެއަކީ އުފަންވީ އިރުވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.
ރޫޙާނީ ލޮލަށް އަނދިރިވެ ނުފެނުން
35 އީސާގެފާނަށް މިމީހާ ދީނީ މަރުކަޒުން ނެރެ ބޭރުކޮށްލިކަމުގެ ވާހަކަ އިވިވަޑައިގަތުމުން އެމީހާ ހޯއްދަވައި ވިދާޅުވިއެވެ. ”ކަލޭ އިންސާނާގެ ދަރިކަލުން ގަބޫލުކޮށް އީމާންވަނީތަ؟“
36 އެމީހާ ބުންޏެވެ. ”ސާހިބާ! އިންސާނާގެ ދަރިކަލުންނަކީ ކާކުތޯ؟ ނިކަން އަޅުގަނޑުގާތު ވިދާޅުވެ ބައްލަވާ! އެއީ ކާކުކަން އެނގުނީމާ ނޫންތޯ އެމީހަކަށް އީމާން ވާންވެސް އަޅުގަނޑަށް އެނގޭނީ.“
37 އީސާގެފާނު ވިދާޅުވިއެވެ. ”ކަލެއަށް ވަނީ އޭނާ ފެނިފައި. ކަލޭ ތިޔަ ވާހަކަދައްކަނީ އޭނާއާ. އިންސާނާގެ ދަރިކަލުންނަކީ މިއީ.“
38 އެމީހާ ދެންނެވިއެވެ. ”މާތް ސާހިބާ! އަޅުގަނޑު މިހިރީ އީމާންވެގެން.“ މިހެން ބުނެފައި އޭނާ އީސާގެފާނު ފައިންޕުޅު މައްޗަށް ސަޖިދައަށް ތިރިވެއްޖެއެވެ.
39 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.“
40 އީސާގެފާނު މިހެން ވިދާޅުވިއިރު އެކަލޭގެފާނާއި ކައިރީގައި ތިބި ބައެއް ފަރީސީންނަށް މި އަޑު އިވިގެން ބުންޏެވެ. ”އެހެންވިއްޔާ ތިޔަ ބުނަނީ އަހަރެމެންނަކީ ވެސް ލޯ އަނދިރި މީހުންނޭ ތަ؟“
41 އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އަސްލުގައިވެސް އަނދިރި ނަމަ ކަލޭމެން ކުށްވެރިއެއް ނުވީސް. އެކަމަކު ކަލޭމެން ތިބުނަނީ ކަލޭމެންނަށް ފެނެޔޭ. އެހެންވީ އިރު ކަލޭމެން ތިޔަ ތިބީ ކުށްވެރިވެފަ.“