48
މަނައްސާ އާއި އަފްރާއިމްއަށް ބަރަކާތް ލެއްވުމަށް ދެންނެވުން
1-2 މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.
3-4 އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.‘ 5 އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.
6 ނަމަވެސް މީގެ ފަހުގައި ތިބާއަށް ލިބޭ ދަރިންނަކީ ތިބާގެ އަމިއްލަ ދަރިން. އަދި އެބައިމީހުންނަށް ލިބިދޭ ތަރިކަ ލިބިދޭނީ މަނައްސާ އާއި އަފްރާއީމްއަށް ލިބިފައިވާ ބިންތައް މެދުވެރިކޮށް. 7 އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮތާމިޔާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)
8 އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) ޔޫސުފުގެފާނުގެ ދެ ފިރިހެން ދަރިކަލުން ފެނިވަޑައިގެން މިފަދައިން އެއްސެވިއެވެ. ”މިއީ ކޮން ކުދިންނެއް؟“
9 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަދައިން ދެންނެވިއެވެ. ”މިއީ މިޞްރުގައި މާތްﷲ އަހަރެންނަށް ދެއްވި ދެ ފިރިހެން ދަރިން.“
އިސްރާއީލުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އެ ފިރިހެން ދަރިން އަހަރެންގެ ކައިރިއަށް ގެނޭ. އޭރުން އެ ދަރިންގެ ބަރަކާތަށް އެދި އަހަރެން ދަންނަވާނަން.“
10 މިހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ. 11 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިންވެސް މާތްﷲ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.“
12 އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ. 13 އަދި ޔޫސުފުގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަފްރާއީމް ބަހައްޓަވައި އަދި މަނައްސާ އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ބެހެއްޓެވިއެވެ. އެއީ، އަފްރާއިމް އިސްރާއީލުގެފާނުގެ ވައަތްޕުޅު ފަރާތާއި ކައިރިވާ ގޮތަށާއި އަދި މަނައްސާ އިސްރާއީލުގެފާނުގެ ކަނާއަތްޕުޅު ފަރާތަށް ކައިރި ވާގޮތަށް ވެސްމެއެވެ. 14 ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.
15 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ.
”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.
16 އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި.
މިހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު.
މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅުވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“
17 ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ކަނާއަތްޕުޅު އަފްރާއިމްގެ ބޯމަތީގައި ބާއްވަވާފައިވީ ތަން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނު އެކަމާއި ހިތްޕުޅު ހަމަޖެހިގެންނެއް ނުވިއެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅުގައި ހިއްޕަވައި އަފްރާއީމްގެ ބޮލުގައި ބާއްވާފައިވާ އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅު ނަންގަވައި މަނައްސާގެ ބޯމަތީގައި ބާއްވަން އުޅުއްވިއެވެ. 18 އަދި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.“
19 އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.“
20 ވީމާ، އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު މިފަދައިން ދެންނެވިއެވެ:
”ބަނީއިސްރާއީލުންގެ މީހުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާ ހިނދު އެބައިމީހުން މިފަދައިން ބުނޭ:
’އަފްރާއީމްއާއި މަނައްސާ ފަދައިން މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ!‘ “
މިގޮތުން ޔަޢުޤޫބުގެފާނު މަނައްސާއަށް ވުރެން އަފްރާއިމް މަތިވެރި ކުރެއްވިއެވެ.
21 އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްރަސްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ. 22 ދަރިފުޅުގެ އަޚުންނަށް އަހަރެން ނުދޭ އެއްޗެއް ދަރިފުޅަށް އަހަރެން ދެމު. އެއީ އަހަރެންގެ ކަނޑި އާއި ތީރު ބޭނުން ކޮށްގެން އަމޫރީންގެ އަތުން އަހަރެން އަތުލާފައިވާ ޝަކީމްގެ ބިންވެސްމެ.“