28
އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނު ގެންނަވައި ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ފަހު މިފަދައިން ވިދާޅުވިއެވެ. ”މި ކަންޢާނުންގެ އަންހެންތަކުންގެ ތެރެއިން އަންހެނަކާ ދަރިފުޅު ކައިވެނިކޮށްގެން ނުވާނެ. އޭގެ ބަދަލުގައި ދަރިފުޅުގެ މަންމަގެ ބައްޕަ ބަތޫއީލްގެ ގެއަށް މެސޮޕޮތާމިޔާއަށް ދޭ. އަދި ދަރިފުޅުގެ މައިފުށުގެ ބޮޑު ބޭބެ ލަބާންގެ އަންހެން ދަރިންގެ ތެރެއިން ކުއްޖަކާއި ކައިވެނިކުރޭ. ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ! އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!“
އެގޮތުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ފޮނުވާލެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިފުށު ބޮޑުބޭބެ ލަބާންގެ ގާތުގައި ހުރުމަށް މެސޮޕޮތާމިޔާއަށް ވަޑައިގެންނެވިއެވެ. މި ލަބާން އަކީ ޔަޢުޤޫބުގެފާނުގެ މައިކަމަނާ ރިފްޤާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރިފްޤާއި އާއި ލަބާންގެ ބަފައިކަލުންނަކީ އަރާމީންގެ މީހެއް ކަމުގައިވާ ބަތޫއީލްއެވެ.
އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ހެޔޮދުޢާ ކުރައްވައި މެސޮޕޮތާމިޔާއަށް އަނތްބަކު ހޯދުމަށް ފޮނުއްވިކަން ޢީސޫއަށް އެނގުނެވެ. އަދި ކަންޢާނުގެ އަންހެނަކާއި ކައިވެނިބައްލަވައި ނުގަތުމަށް އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް އަމުރު ކުރެއްވިކަން ވެސް ޢީސޫ ދެނެގަތެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިޔާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ. ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ. އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއްވެސްމެއެވެ.)
ޔަޢުޤޫބުގެފާނުގެ ހުވަފެންފުޅު
10 ޔަޢުޤޫބުގެފާނު ބިއުރުސަބްޢައިން ޙާރާން އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ. 11 އިރު އޮއްސެމުން ދިޔަ ހިނދު އެކަލޭގެފާނަށް ވަޑައިގެންނެވިފައިވީ ހިސާބަކީ އެދެވޭ ހިސާބެއްކަމުގައި ދެކެވަޑައިގަންވައި އެތަނުގައި އޮތް ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް އޮށޯވެ ވަޑައިގަންނެވިއެވެ. 12 އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްﷲގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.
13 އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބަފައި އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްﷲ. ތިބާގެ މިހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު. 14 ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ. 15 މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.“
16 ކުއްލިއަކަށް ޔަޢުޤޫބުގެފާނަށް ހޭފުޅުލެވި މިފަދައިން ހިތްޕުޅަށް އަރާވަޑައިގެންނެވިއެވެ. ”ހަމަކަށަވަރުން މާތްރަސްކަލާނގެ މިތަނުގައި ވޮޑިގެންވޭ. އެހެނަސް އަހަރެންނަށް އެކަން އެނގިފައެއް ނެތް.“ 17 ދެން ޔަޢުޤޫބުގެފާނު ބިރުފުޅުން ހުންނަވައި މިފަދައިން ވިދާޅުވެވުނެވެ. ”މިއީ ޢަޖާއިބުވެ އަންތަރީސްވާފަދަ ތަނެއް! މިތަނަކީ ޙުރުމަތްތެރި ވެގެންވާ މާތްﷲގެ ގެކޮޅު. އަދި މިއީ ސުވަރުގެއަށް ދިއުމަށް ވާ ދޮރޯށިކޮޅުކަން ޔަޤީން.“
18 އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ. 19 އެތަނަށް ޔަޢުޤޫބުގެފާނު ބައިތުއީލްގެ* 28‏:19 ބައިތުއީލް ޢިބްރާނީ ބަހުން ބައިތުއީލްގެ މާނައަކީ ﷲގެ ގެކޮޅެވެ. ނަމުން ނަން ދެއްވިއެވެ. އޭގެ ކުރިން އެތަނަށް ކިޔަމުން ދިޔަ ނަމަކީ ލޫޒް އެވެ.
20‏-21 ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްﷲއާއިމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”މާތްﷲ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ ﷲއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ. 22 މި ހަނދާނީ ތަނބަކީ އިނބަ ﷲއަށް އަޅުކަން ކުރުމަށް ހުރި އިނބަﷲގެ ގެކޮޅު. އިނބަ ރަސްކަލާނގެ އަޅާއަށް ދެއްވާ ކޮންމެ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި އިނބަ ރަސްކަލާނގެ ކިބަފުޅަށް އަޅާ ހުށަހަޅާނަމު.“

*28:19 28‏:19 ބައިތުއީލް ޢިބްރާނީ ބަހުން ބައިތުއީލްގެ މާނައަކީ ﷲގެ ގެކޮޅެވެ.