20
އިބްރާހީމްގެފާނު އަބީމާލިކުއަށް ހެއްދެވި މަކަރު
1 އިބްރާހީމްގެފާނު ޙަބްރޫނު ދޫކުރައްވާ ކަންޢާނު ގެ ދެކުނަށް ވަޑައިގެން ޤާދަޝް އާއި ޝޫރު އާއި ދެމެދުގައިވާ ޖަރާރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. 2 އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ. 3 ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްރަސްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.“ 4 އަބީމާލިކު ދެންނެވިއެވެ. ”ނަމަވެސް އަޅާ އަދި އެކަމަނާއާ އެކު އެއްދާނެއް ނުކުރަމު! އެ ކަމަނާއަކީ މީހެއްގެ އަނތްބެއް ކަމެއް އަޅާއަށް އެނގިފައެއް ނުވޭ. ހަމަކަށަވަރުން ކުށެއްނެތް ބަޔަކު އިނބަރަސްކަލާނގެ ނެތި ފަނާއެއް ނުކުރައްވާނެ. 5 އިބްރާހީމްގެފާނުގެ ދޫފުޅުން ވިދާޅުވި އެކަމަނާއަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި. އަދި އެބަސްފުޅާ ސާރާ ވެސް އެއްބަސްވެލެއްވި. އެކަލޭގެފާނަކީ އެ ކަމަނާގެ ބޭބެ ކަމުގައި ބުނުއްވި. އަޅާއަށް ކުރެވުނު ކަމެއް ކުރެވުނީ ހެޔޮ ނިޔަތެއްގައި.“ 6 އެއަށް ފަހު ހުވަފެނުގައި މާތްރަސްކަލާނގެ ވަޙީކުރެއްވި. ”ކަލޭގެ ކުށެއް ނެތްކަން ތިމަންކަލާނގެ ދެނެވޮޑިގެންވަމު. ކަލޭ އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން ކަލޭ އެ ފާފައިން ތިމަންކަލާނގެ މި ދުރުކުރެއްވީ އެހެންވެ. 7 އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ އެންމެތަކުން ނެތިފަނާވެދާނެ.“
8 އޭގެ އަނެއް ދުވަހު ހެނދުނު އަބީމާލިކު އޭނާގެ އެންމެހާ ވަޒީރުން ދަރުބާރަށް ގެންނަވާ މި ފެނުނު ހުވަފެނުގެ ވާހަކަތައް ކިޔައިދިނެވެ. މިވާހަކަތައް އެހުމަށް ފަހު އެބައިމީހުން ވަރަށް ބޮޑަށް ބިރުގަތެވެ. 9 ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވަ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތަކެއްތޯ؟ 10 ކަލޭގެފާނު އަހަރެމެންނަށް މިފަދަ ކަމެއް ތިޔަ ޖެއްސެވި ސަބަބަކީ ކޮބައިތޯ؟“
11 އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”އެއީ މިރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އެއްވެސް މީހަކު ނުވާނެ ކަމުގައި އަހަންނަށް ކުރެވުނު ހީއެއްގެ ސަބަބުން. އަދި މިރަށުގެ މީހުން އަހަރެން މަރާލުމަށް ފަހު އަހަރެންގެ އަނބިމީހާ އަތުލައިގެންފާނެ ކަމަށްހީކޮށް. 12 އޭނާއަކީ އަހަރެންގެ ކޮއްކޮއެއް ކަމުގައި ބުނި ބުނުމަކީވެސް މުޅިއަކުން ދޮގެއް ނޫން. އެހެނީ އޭނާއަކީ އަހަރެންގެ ބައްޕަގެ ދަރިއެއް. އަހަރެންގެ މަންމަގެ ދަރިއެއް ނޫން. އޭނާއާ އަހަރެން އެންމެފަހުން ކައިވެނި ކުރީ. * 20:12 ސާރާ އާއި އިބްރާހީމްގެފާނަކީ އެއްބަފާ ވަކިބަނޑު ދެފަރާތެވެ. ނަމަވެސް ސާރާ އާއި އިބްރާހީމްގެފާނު ވަނީ ފަހުން ކައިވެނި ކުރައްވާފައެވެ. 13 އަހަރެންގެ ބައްޕަގެ ރަށް ދޫކޮށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ދިއުމަށް މާތްރަސްކަލާނގެ ވަޙީކުރެއްވިހިނދު އަހަރެން އޭނާ ގާތު ބުނިން: ’އަހަރެންނާ އެކުގައި ތިބާ ދާ ކޮންމެ ތަނެއްގައި ވެސް ތިބާއަކީ އަހަރެންގެ ކޮއްކޮ ކަމުގައި ބުނާށޭ.‘ “
14-15 އެއަށް ފަހު އަބީމާލިކުގެ ގާތަށް ސާރާ ގެންނަވައި އިބްރާހީމްގެފާނަށް އެކަމަނާ އަނބުރާ ދެއްވައިފިއެވެ. އަދި ގިނަ ޢަދަދެއްގެ ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އިބްރާހީމްގެފާނަށް ދެއްވިއެވެ. އަބީމާލިކު އަދިވެސް އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”އަހަރެންގެ ރަސްކަންހިނގާ ކޮންމެ ސަރަހައްދެއްގައި ކަލޭގެފާނު ބޭނުން ތަނެއްގައި ވަޒަންވެރިވޭ.“ 16 އަބީމާލިކު ސާރާއަށް ވިދާޅުވިއެވެ. ”އަހަރެން ކަމަނާގެ ބޭބެ އިބްރާހީމްއަށް އެއްހާސް ރިހި ރުފިޔާ ވެދުންކޮށްފިން. އެއީ ކަމަނާގެ އެއްވެސް ކުށެއް ނެތްކަން އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް އަހަރެން އެދޭތީ.“
17-18 އަބީމާލިކު އިބްރާހީމްގެފާނުގެ އަނބިކަބަލުން ސާރާ ގެންދެވުމުގެ ސަބަބުން އެރަސްގެފާނުގެ ގަނޑުވަރުގައިވާ އެންމެހައި އަންހެނުން ދަރިމައި ނުވާނެފަދައިން މާތްރަސްކަލާނގެ ވަނީ ލައްވަވާފައެވެ. ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމުން އަބީމާލިކުއާއި އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ އެންމެހައި ޖާރިޔާއިންނަށް ޝިފާލިބި، ދަރިން ލިބޭނެ ފަދައިން ވިއެވެ.
*20:12 20:12 ސާރާ އާއި އިބްރާހީމްގެފާނަކީ އެއްބަފާ ވަކިބަނޑު ދެފަރާތެވެ. ނަމަވެސް ސާރާ އާއި އިބްރާހީމްގެފާނު ވަނީ ފަހުން ކައިވެނި ކުރައްވާފައެވެ.