12
ފަހަނަޅައި ދިއުން
1 އިސްރާއީލީން މިޞްރުގައި ތިއްބައި މޫސާގެފާނަށާއި ހާރޫނުގެފާނަށް މާތްރަސްކަލާނގެ މިފަދައިން އެންގެވިއެވެ: 2 ”މިހާރުން ފެށިގެން ކަލޭމެން އަހަރުގެ ފުރަތަމަ މަސް ކަމަށް ހަދަން ޖެހޭނީ މި މަސް. 3 އިސްރާއީލީންގެ އެންމެންނަށް އަންގާ ’މިމަހު ދިހަވަނަ ދުވަހު ކޮންމެ އާއިލާއެއް ހިމެނޭ ގެއަކުން ޅަކަންބަޅިއެއް ނޫނީ ބަކަރިއެއް ޤުރުބާން ކުރަން ތައްޔާރު ކުރަން ވާނެޔޭ. 4 އެ އާއިލާ ކުޑަކަމުން އެ ޖަނަވާރު އެއްކޮށް ނުކެވޭނެނަމަ ޖެހިގެން ހުރި ގޭގެ މީހުންނަށް އެއްބައި ދޭށޭ. ބަހަން ވާނީ އާއިލާގެ ބޮޑު ކުޑަ މިނަކުން އެމީހުން ކާނެ ވަރެއް ބަލާފައޭ. 5 މިކަމަށް ތައްޔާރު ކުރާ ޖަނަވާރު ވާންޖެހޭނީ އެއް އަހަރު ފުރިފައިވާ ފިރިހެން އެއްޗަކަށޭ. އުނިކަމެއްނެތް ކަންބަޅިއެއް ނުވަތަ ބަކަރިއެއް ފުދޭނެޔޭ.
6 މިކަމަށް ޚާއްސަ ކުރެވޭ ޖަނަވާރު މަހުގެ ސާދަ ވަނަ ދުވަހާ ހަމަޔަށް ރަނގަޅަށް ގެންގުޅެ ބަލަހައްޓަން ވާނެޔޭ. ދެން އެދުވަހު އިރުއޮއްސޭ ވަގުތުގައި އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން އެ ކަންބަޅި ނުވަތަ ބަކަރި ކަތިލާށޭ. 7 އަދި އޭގެ ލޭކޮޅެއް ނަގައި ގޭގެ ދޮރުކަނީގެ އަރިމަތީގައި އާއި ދޮރުގެ މަތީކައިރި ފަށުގައި ހާކާށޭ. 8 އެރޭ އެމަސްތައް އަލިފާންމަތީ ފިހެގެން ހިތި ފަތްޕިލާވެލީގެ ސަޓަންޏާއި ކަމީރު ނުލާ ބޯރޮއްޓާ ޖަހައިގެން ކާށޭ.* 12:8 ކަމީރަކީ އާންމުކޮށް ޔީސްޓް އޭ ކިޔާ ބާވަތެކެވެ. މިއީ ޕާނާއި ފާރޮށި ފިހާ އިރު ފުށްގަނޑު ފުއްޕުމަށް ބޭނުން ކުރާ މާއްދާއެކެވެ. 9 އޭގެ އެއްވެސް މަހެއް ރޮލާ ނުވަތަ ފެނުކައްކައިގެން ނުކާށޭ. މުޅި ޖަނަވާރު އެއްކޮށް، ބޮލާއި، ފަޔާއި އެތެރޭގައި ހުރި ހުރިހާ އެއްޗެއް އެކުލެވޭ ގޮތަށް އަލިފާން މަތީ ބަހައްޓައިގެން ފިހޭށޭ. 10 އަނެއް ދުވަހު އިރު އަރާއިރު އޭގެ އެންމެ އެތިކޮޅެއް ވެސް ބަހައްޓައިގެން ނުވާނެޔޭ. ނުކެވުނު އެއްޗެއް ވިއްޔާ އަންދާލާށޭ. 11 މިއީ އެ ކެއުން ކާންވީ ގޮތޭ: އެންމެން ތިބެން ވާނީ އަރުވާޖަހައިގެންނޭ. ފައިވާނަށް އަރައި، ގެންގުޅޭ އަސާ ވެސް ހިފައިގެންނޭ. ކާން ވާނީ އަވަސްއަރުވައިގެންނޭ. އެހެނީ މިއީ ތިމަންކަލާނގެ ރަށުތެރޭން ފަހަނަޅައި ދިޔަކަން ފާހަގަ ކުރާ ރެޔޭ.
12 އެރޭ ތިމަންކަލާނގެ މިޞްރު ތެރޭން ދާނަމޭ. އަދި މިޞްރުގެ ކޮންމެ ގެއެއްގެ ދޮށީ ފިރިހެން ދަރިއާއި ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި މަރާނަމޭ. އެގޮތުން މިޞްރު މީހުންގެ އިލާހުންގެ މައްޗަށް ޢުޤޫބާތް ފޮނުއްވާނަމޭ. އެހެނީ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެއޭ! 13 ކަލޭމެންގެ ގޭގެ ދޮރުމަތީ ހާކާފައި ހުރި ލެޔަކީ ކަލޭމެންގެ ގޭގެކަން ދައްކައިދޭނެ ނިޝާނެކޭ. ތިމަންކަލާނގެއަށް އެ ލޭ ފެނުމުން އެގެ ފަހަނަޅައި ދާނަމޭ. މިޞްރު މީހުންގެ މައްޗަށް މި މަރުގެ މުސީބާތް އަންނައިރު ކަލޭމެންނަކަށް މި ކަން ކުރިމައްޗެއް ނުވާނެޔޭ.
14 ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މިގޮތަށް ކުރަމުން ގެންދާށޭ.
ކަމީރުނުލާ ބޯރޮށީގެ ޢީދު
15 ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކުވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ. 16 ޢީދުގެ ފުރަތަމަ ދުވަހާއި ފަހުދުވަސް ކަމަށް ވާ ހަތްވަނަ ދުވަހު ހުރިހާ އެންމެން އަޅުކަމުގެ ޚާއްސަ ބައްދަލުވުމެއް ބާއްވަން ވާނެއޭ. މި ދުވަސްތަކުގައި ކާނާ ތައްޔާރު ކުރުން ފިޔަވައި އެހެން މަސައްކަތެއް ކޮށްގެން ނުވާނެއޭ.
17 ކަމީރުނުލާ ބޯރޮށީގެ މިޢީދު ފާހަގަ ކުރަނީ ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުމުގެ މުނާސަބާ ފާހަގަ ކުރާ ދުވަސްކަމަށް ވާތީއޭ. މިއީ ދާއިމީ ގޮތުގައި ކަލޭމެން ކުރަން ޖެހޭނެ ކަމެކޭ. މި ޢީދު ކަލޭމެންގެ ދަރިކޮޅުގެ މިރިމިރީނާ ހަމަޔަށް ދަމަހައްޓަން ވާނެއޭ. 18 ކަލޭމެން ފުރަތަމަ މަހުގެ ސާދަވަނަ ދުވަހު ހަވީރު ކަމީރު ނުލާ ބޯރޮށި ކާން ފަށާގޮތަށް އެމަހު އެކާވީސް ވަނަ ދުވަހު ހަވީރާ ހަމަޔަށް އެ ނޫންގޮތަކަށް ފިހެފައި ހުރި ރޮއްޓެއް ކައިގެން ނުވާނެއޭ. 19 މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއްވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިންވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ. 20 މި ދުވަސްތަކުގެ ތެރޭގައި ކަލޭމެން އެކަކުވެސް ކަމީރުލީ އެއްޗެއް ކައިގެން ނުވާނެ. ކަލޭމެން ކޮންމެ ތަނެއްގައި ތިއްބަސް ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ.‘ “
21 ދެން މޫސާގެފާނު ބަނީއިސްރާއީލީންގެ ބޮޑުން އެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”ގޮސް ޅަކަންބަޅިއެއް ނުވަތަ ޅަ ބަކަރިއެއް ހޯދާ. އެއީ ފަހަނަޅައި ދިއުމުގެ ޢީދަށް ކަތިލާން. 22 އޭގެ ލޭ ދޮލަނގަކަށް ހުސްކުރޭ. ދެން ޒޫފާ ގަހުގެ† 12:22 މިގަސްތަކަކީ ސަހަރާގެ ތެރޭގައި އާންމުކޮށް ހެދިފައި ހުންނަ ގަސްތަކުގެ ތެރޭން ބާވަތެކެވެ. ގޮފިކޮޅަކުން ބުރުހެއް ހަދައި ދޮރުކަނީގެ ދެ އަރިމަތީގަޔާއި މަތީ ކަނީގައި އެ ލޭ ހާކާ. އިރު އެރުމުގެ ކުރީގައި އެކަކުވެސް އެ ދޮރުން ނުކެމެގެން ގޮސްގެން ނުވާނެ.
23 މާތްރަސްކަލާނގެ މިޞްރު ތެރޭން ފަހަނަޅާ ވަޑައިގަންނަވާއިރު ދޮރުގައި ހުރި ލޭ ފެނިވޮޑިގަންނަވާނެ. އެކަލާނގެ ކަލޭމެންގެ ގެތައް ފަހަނަޅައި ދަތުރު ކުރައްވާނެ. އެކަލާނގެ އެ ގޭގެއަށް މަރުގެ މަލާއިކަތާ ވެދެ ވަޑައިގަތަކަ ނުދެއްވާނެ. އެކަމަކު މިޞްރު މީހުންނަށް އެކަލާނގެ މަރުގެ ސަޒާ ދެއްވާނެ.
24 ހަނދާން ކުރާތި، މި ގަވާއިދާއި އެއްގޮތަށް ކަލޭމެންގެ ހުރިހާ ދަރިފަސްކޮޅަކާ ހަމަޔަށް ވެސް ދާއިމަށް ކަންތައް ކުރަމުން ގެންދަން ޖެހޭނެ. 25 މާތްރަސްކަލާނގެ ކަލޭމެންނަށް ދެއްވަން ވަޢުދު ކުރެއްވި ބިމަށް ދެވުމަށް ފަހު ވެސް ކަލޭމެން މި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ. 26 އޭރުން ކަލޭމެންގެ ދަރިން އަހާ އޮޅުން ފިލުވާނެ، ’މީ ކޮން މުނާސަބަތެއް ހޭ؟‘ 27 ކަލޭމެން އޭރުން ބުނާނެ، ’މިއީ މާތްރަސްކަލާނގެ ފަހަނަޅައި ވަޑައިގަތްކަމުގެ ހަނދާނީ ޤުރުބާނީ އޭ. އެކަލާނގެ މިޞްރުގައި ތިބި އިސްރާއީލުގެ މީހުންގެ ގޭގެ ފަހަނަޅައި ވަޑައިގެންނެވިއޭ. އަދި މިޞްރު މީހުންނަށް މަރުގެ ޢުޤޫބާތް ފޮނުއްވި އިރު ތިމަންމެން ސަލާމަތް ކުރެއްވިއޭ.‘ “
މޫސާގެފާނު މިވާހަކަފުޅު ދައްކަވާ ނިމި ވަޑައިގަތުމުން އިސްރާއީލީންގެ އެންމެން ބިންމައްޗަށް ތިރިވެ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ސަޖިދަ ކުރިއެވެ. 28 ދެން އެމީހުން ގޮސް މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީ ކުރެއްވި ފަދައިން ކަންތައް ކޮށްފިއެވެ.
ދޮށީ ފިރިހެން ދަރިންގެ މަރު ހިއްޕެވުން
29 އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ. 30 ފިރުޢައުނާއި އޭނާގެ ވަޒީރުންނާއި އޭނާގެ މީހުންނަށް އެ ދަންވަރު ހޭލެވުނެވެ. މުޅި މިޞްރުގެ ބިމުން އިވެމުން ދިޔައީ ރުއިމުގެ ގަދަ އަޑުފަށްގަނޑެކެވެ. މީހަކު މަރުނުވާ އެންމެ ގެއެއްވެސް މިޞްރަކު ނެތެވެ.
31 އެ ދަންވަރު ފިރުޢައުނު ރަސްގެފާނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”ހަމަ މިހާރު ދޭ!“ ފިރުޢައުނު އަމުރު ކުރެއްވިއެވެ. ”އަހަރެންގެ މީހުންގެ ގާތުން ކަލޭމެން ދޭ. ކަލޭމެންނާއެކު ކަލޭގެ އިސްރާއީލީންގެ އެންމެންވެސް ގެންދޭ! ކަލޭމެން އެދުނު ފަދައިން ކަލޭމެންގެ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދޭ! 32 ކަލޭމެންނާއެކު ކަލޭމެންގެ ޖަނަވާރުތައް ވެސް ގެންދޭ. ދޭ! އެކަމަކު އަހަރެންނަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރޭ.“
33 މިޞްރުގެ އެންމެން ވެސް އިސްރާއީލުގެ މީހުން އެރަށުން އަވަހަށް ފައިބައިގެން ދިއުމަށް އެދެމުން ދިޔައެވެ. ”އެހެން ނޫނީ އަހަރެމެން އެންމެން މަރުވެ ހުސްވެދާނެ!“ އެމީހުން ބުނަމުން ދިޔައެވެ. 34 އިސްރާއީލީން އެމީހުންގެ ރޮށި ފިހަން މޮޑުނު ކަމީރު ނުލާ ފުށްގަނޑު ފޮތިގަނޑަކަށް ލައި އޮޅާލައިފިއެވެ. އަދި ފުށްމޮޑެން ގެންގުޅުނު ފިލާގަނޑުތަކާ އެއްކޮށް ފޮތިގަނޑުތަކަށް ލައި ނަގާ ކޮނޑަށް ލައިފިއެވެ.
35 އިސްރާއީލީން މޫސާގެފާނު ވިދާޅުވި ހުރިހާ ގޮތެއް ހަދަމުން ދިޔައެވެ. އެމީހުން މިޞްރުގެ މީހުންގެ ގާތުން އަންނައުނާއި ރަންރިހީގެ ގަހަނާއަށް އެދެމުން ދިޔައެވެ. 36 މިޞްރު މީހުންގެ ހިތްތަކުގައި އިސްރާއީލީންނާއި މެދު ޤަދަރު އުފުލޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވިއެވެ. އެހެންވެ އިސްރާއީލީން އެދުނުހާ އެއްޗެއް އެމީހުން ދެމުން ގެންދިޔައެވެ. އެގޮތުން އެމީހުން މިޞްރުގެ ތަނަވަސްކަން ނިގުޅައިގަތެވެ!
މިޞްރު ދޫކޮށް އިސްރާއީލީން ދިއުން
37 އެރޭ އިސްރާއީލީން ރަޢަމްސީސް އިން ނުކުމެ ސުއްކޫތު އާ ދިމާއަށް ދަތުރު ކުރަން ފަށައިފިއެވެ. އެއީ އަންހެނުންނާއި ކުޑަކުދިން ނުހިމަނައި ގާތްގަނޑަކަށް ހަސަތޭކަ ހާސް މީހުންނެވެ. 38 އެމީހުންނާއެކު އެނޫންވެސް އެތައް ބަޔަކާއި ޖަނަވާރުތައް ގެންދިޔައެވެ. 39 އެމީހުން މިޞްރުން ގެނައި ކަމީރުނުލާ ފުށްގަނޑުން އެމީހުން ރޮށި ފިހެފިއެވެ. އެމީހުން މިޞްރުން ނުކުތީ ވަރަށް އަވަސް އަރުވާލައިގެންކަމުން އެމީހުންނަކަށް ރޮށި ފިހާކަށް ނުވަތަ ކައްކާކަށް ވަގުތެއް ނުލިބުނެވެ.
40 އިސްރާއީލީން މިޞްރުގައި އުޅޭތާ އޭރު ހަތަރުސަތޭކަ ތިރީސް އަހަރު ވެއްޖެއެވެ. 41 އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ. 42 އެމީހުން މިޞްރުން ނެރުއްވާނެކަމަށް މާތްރަސްކަލާނގެ ކުރައްވާފައިވާ ވަޢުދު މިރޭ ފުރިހަމަ ކުރެއްވިއެވެ. އެހެންވެ އެރެއަކީ އެކަލާނގެ ޚާއްސަ ގޮތަކަށް ބައްލަވާވޮޑިގަތް ރެއެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އެރޭ އިސްރާއީލީން އެކަލާނގެ އެ ކޮށްދެއްވި ކަންތައް ޚާއްސަ ގޮތަކަށް ބަލައި ފާހަގަ ކުރަން ޖެހެއެވެ. އެމީހުންގެ ދަރިކޮޅުގެ މިރިމިރީންނަށް ދިޔަޔަސް މާތްރަސްކަލާނގެ ޝަރަފުގައި މިކަންތައް އެމީހުން ކުރަން ޖެހެއެވެ.
43 މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”ފަހަނަޅައި ދިއުމުގެ ޢީދު ފާހަކަކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިއީ: ފަހަނަޅައި ދިއުމުގެ ކެއުމުގައި ބޭރު ބަޔަކު ބައިވެރި ކޮށްގެން ނުވާނެ. 44 އެކަމަކު ކަލޭމެން ގަނެގެން ގެންގުޅޭ އަޅަކު ޚިތާނު ކޮށްފައި ވާނަމަ އޭނާ އެއިން ކެޔަސް އެންމެ ރަނގަޅު. 45 ވަގުތީ މެހުމާނުންނާއި ޚާދިމުން އެއިން ކައިގެން ނުވާނެ.‡ 12:45 އެމީހުންނަށް އެ ހުއްދަ ނުވަނީ ޚިތާނު ނުކޮށް ތިބީމައެވެ. 46 ފަހަނަޅައި ދިއުމުގެ މުނާސަބާގައި ކަތިލެވޭ ކޮންމެ ކަންބަޅިއެއް ކާން ޖެހޭނީ އެގެއެއްގެ ގޭބިސީގައި ހިމެނޭ ބައެއް. އެކަންބަޅީގެ މަސް ގެއިން ބޭރަށް ގެންގޮސްގެން ނުވާނެ. އަދި އޭގެ ކައްޓެއް ވެސް ބިންދައިގެން ނުވާނެ. 47 އިސްރާއީލުގެ މުޅި ޖަމާޢަތް، ފަހަނަޅައި ދިއުމުގެ މި ޢީދު ފާހަގަ ކުރަން ވާނެ.
48 އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ. 49 މިޤަވާއިދު ކަލޭމެން އިސްރާއީލީންގެ އުފަން މީހުންނާއި ކަލޭމެންގެ ތެރޭގައި އުޅޭ އެންމެންގެ މައްޗަށް ހިނގާނެ.“
50 މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް އެންގެވި ގޮތުގެ މަތިން އިސްރާއީލުގެ މީހުން ކަންތައް ކުރިއެވެ. 51 ހަމަ އެދުވަހު މިޞްރުގެ ބިމުން އިސްރާއީލީންގެ ފައުޖުތައް މާތްރަސްކަލާނގެ ނެރުއްވައިފިއެވެ.
*12:8 12:8 ކަމީރަކީ އާންމުކޮށް ޔީސްޓް އޭ ކިޔާ ބާވަތެކެވެ. މިއީ ޕާނާއި ފާރޮށި ފިހާ އިރު ފުށްގަނޑު ފުއްޕުމަށް ބޭނުން ކުރާ މާއްދާއެކެވެ.
†12:22 12:22 މިގަސްތަކަކީ ސަހަރާގެ ތެރޭގައި އާންމުކޮށް ހެދިފައި ހުންނަ ގަސްތަކުގެ ތެރޭން ބާވަތެކެވެ.
‡12:45 12:45 އެމީހުންނަށް އެ ހުއްދަ ނުވަނީ ޚިތާނު ނުކޮށް ތިބީމައެވެ.