10
ދާއޫދުގެފާނު ޢައްމޫނީން ބަލިކުރެއްވުން
1 ޢައްމޫނީންގެ ރަސްގެފާނު ނާހިސް އަވަހާރަވެ ދަރިކަލުން ހަނޫނަށް ރަސްކަން ލިބިއްޖެއެވެ. 2 ދާއޫދުގެފާނު ވިދާޅުވިއެވެ. ”ނާޙިސްއަކީ އަހަންނާމެދު ރަނގަޅަށް ކަންތައް ކުރި މީހެއް. އެހެންކަމުން އޭނާގެ ދަރި ހަނޫނަށްވެސް އަހަރެން ހެޔޮކޮށް ހިތާން ޖެހޭނެ.“
މިހެން ވިދާޅުވެ ހަނޫނަށް ތައުޒިއާ ކިޔައި ހެޔޮ އެދުމާއިގެން ޢައްމޫނީންގެ ރަށަށް ވަފުދެއް ފޮނުއްވައިފިއެވެ. 3 ޢައްމޫނީންގެ ބޮޑުން ރަސްގެފާނު ހަނޫނަށް ދަންނަވައްޕެވެ. ”ދާއޫދު ރަސްގެފާނު މިތަނަށް މީހުން އެފޮނުއްވީ ކަލޭގެފާނަށް ހެޔޮ އެދި ތައުޒިޔާ ކިޔަންކަމަށް ހީވެލައްވާތޯ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން. އެމީހުން އެ ފޮނުއްވީ މިތަނުގެ ކަންތައް ހުރިނެތް ގޮތް ބަލައި ހަނގުރާމައަށް އަންނަންވެގެން ޖާސޫސު ކުރަން.“
4 އެހެންވެ ހަނޫނު ގޮސް ދާއޫދުގެފާނު ފޮނުއްވި ބޭކަލުން އަތުލައިގަނެ އެމީހުންގެ ތުނބުޅީގެ އެއްފަޅި ބާލައި ހެދުމުގެ މެދުން ފުރަގަހުން ކަފާލާފައި ފޮނުވާލައިފިއެވެ.
5 ދާއޫދުގެފާނުގެ ގާތު މީހުން އައިސް މި ޚަބަރު ދެންނެވުމުން އެބޭކަލުންގެ ގާތަށް ރަސްގެފާނުގެ އެންގެވުން ހިފައިގެން ބަޔަކު ފޮނުއްވައިފިއެވެ. އެހެނީ އެބޭކަލުން އޭރު ތިބީ ނުހަނު ބޮޑަށް ލަދުގެންފައެވެ. ދާއޫދުގެފާނު އެ ބޭކަލުންނަށް އެންގެވިއެވެ. ”ކަލޭމެންގެ ތުނބުޅިތައް ދިގުވަންދެން ޖެރޫސަލަމަށް ނައިސް އަރީޙާގައި އިހަށް މަޑުކުރޭ.“
6 ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިންވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުންވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.
7 ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު ޔުއާބުއާއެކު މުޅި ލަޝްކަރު ފޮނުއްވައިފިއެވެ.
8 އޭރު ޢައްމޫނީން ނުކުމެ ހަނގުރާމައަށް ތައްޔާރުވެގެން އެ ސަހަރުގެ ބޮޑުދޮރާށި ދޮށުގައި ތިއްބެވެ. ޒޫބާއާއި ރަޙޫބުގެ އަރާމިނީންނާއި ޠޫބުގެ މީހުންނާއި މައަކާގެ މީހުން ތިބީ ޢައްމޫނީންނާއި ވަކީންނެވެ. އެމީހުން އެއްވެ ތިބީ އެ ސަހަރުގެ ކައިރި ހިސާބުގައި ހުންނަ ހާމަ މައިދާނެއްގައެވެ.
9 ޔުއާބު ބަލާލިއިރު ދުޝްމަނުންގެ ލަޝްކަރު އެމީހުންގެ ކުރިމަތީގައިއާއި ފުރަގަހުގައި ތިއްބެވެ. އެހެންކަމުން އިސްރާއީލީންގެ ލަޝްކަރުގެ ތެރޭން ވަރުގަދަ މީހުން ނަގައި އެމީހުން އަރާމީނީންނާ ކުރިމަތިލުމަށް ސަފު ހަދާލައިފިއެވެ.
10 ޔުއާބުގެ ލަޝްކަރުގައި ބާކީ ތިބިމީހުން އޭނާގެ ކޮއްކޮ އަބީޝާއި އާ ހަވާލުކޮށް ޢައްމޫނީންނާ ދިމާ ކުރަން ބައިތިއްބައިފިއެވެ.
11 ޔުއާބު އަބީޝާއި ގާތު ބުންޏެވެ. ”އަރާމީން އަހަރެމެންނަށް ވުރެން ގަދަވާން ފަށައިފި ނަމަ ކަލޭ އަހަރެންނާ އެހީވާން އާދޭ! އަދި ޢައްމޫނީން ކަލެއަށް ވުރެން ގަދަވާގޮތް ވެއްޖެނަމަ އަހަރެމެން ކަލެއަށް އެހީވާން ދާނަން. 12 ހިތްވަރާއި ގަދަފަދަކަމާއެކު އަހަރެމެންގެ މީހުންނާއި އަހަރެމެންގެ ކަލާނގެ ސަހަރުތަކަށް ޓަކައި ހަނގުރާމަކުރަމާ ހިނގާ! މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތަކަށް ހިންމަވާފާނެ.“
13 އެގޮތުގެ މަތިން ޔުއާބުއާއި އޭނާގެ މީހުން އަރާމީންނާ ހަނގުރާމަ ފައްޓައިފިއެވެ. އަރާމީން ޔުއާބުއާއި އޭނާގެ މީހުންގެ ކުރިމަތީ ބަލިވެގެން ދުއްވައިގެންފިއެވެ. 14 ޢައްމޫނީންނަށް އަރާމީން ބަލިވެގެން ދުވާތަން ފެނިގެން އަބީޝާއިގެ ކުރިމަތީގައި ތިބި މީހުންވެސް ދުއްވައިގެންފިއެވެ. އެމީހުން ދިޔަގޮތަށް އެނބުރި އެމީހުންގެ ރަށަށް ހިނގައްޖެއެވެ.
އެހެންވެ ޔުއާބު ޢައްމޫނީންނާ ކުރި ހަނގުރާމައިން އެނބުރި ޖެރޫސަލަމަށް އަތުވެއްޖެއެވެ.
15 ދެން އަރާމީންނަށް އިސްރާއީލީން އެމީހުން ބަލިކޮށްލާފައި ދާތަން ފެނިގެން އެއެންމެން އެއްކޮށް ބޮޑު ލަޝްކަރެއްގެ ގޮތުގައި އައިސް ދިމާކޮށްލައިފިއެވެ.
16 އޭރު ހަދަދު އަރުޒުން އަރާމީން ބަލާފޮނުވި ލަޝްކަރު ފުރާތު ކޯރު ހުރަސްކޮށް އަނެއް ފަރާތުގައި ތިއްބެވެ. އެމީހުން އައިސް ތިބީ އަރާމީންގެ ހިލާމު އަވަށުންނެވެ. އެމީހުންގެ ވެރިޔަކީ ޝޫބަކު އެވެ. އޭނާއަކީ ހަދަދުޢަޒަރުގެ ސިފައިންގެ ވެރިޔާއެވެ.
17 ދާއޫދުގެފާނަށް މިޚަބަރު ލިބިވަޑައިގެން މުޅި އިސްރާއީލްގެ ލަޝްކަރު އެއްތަން ކުރައްވައިފިއެވެ. ދެން އެމީހުން ކޯރު ހުރަސްކޮށް ގޮސް އުރުދުންގެ އަނެއް ފަރާތުގައި އޮންނަ ހިލާމު އަވަށަށް ހިނގައްޖެއެވެ. އޭރު އެތަނުގައި ތައްޔާރުވެގެން ތިބި އަރާމީންނާ ދާއޫދުގެފާނާ ހަނގުރާމަ ފައްޓަވައިފިއެވެ.
18 ދެން ދާއޫދުގެފާނު ވަޑައިގެން އަރާމީން ބަލިކުރައްވައިފިއެވެ. އަރާމީން އިސްރާއީލީންގެ އަތުން ބަލިވުމުން ދުއްވައިގެންފިއެވެ. ދާއޫދުގެފާނު އެމީހުންގެ އަސްގާޑިޔާ ދުއްވާމީހުންގެ ހަތްސަތޭކަ މީހުންނާއި ބިންމަތީ ސިފައިންގެ ސާޅީސްހާސް މީހުން ގަތުލު ކުރައްވައިފިއެވެ. އަދި އަރާމީންގެ ސިފައިންގެ ވެރިޔާވެސް މަރުއްވައިފިއެވެ.
19 ހަދަދުޢަޒަރުން ފޮނުވައިގެން އައިސްތިބި ރަސްކަލުންނަށް އިސްރާއީލީން އެމީހުން ބަލިކޮށްފިކަން އެނގުމުން އެމީހުން އިސްރާއީލީންނަށް އަމާން ދީފިއެވެ. ދެން އެމީހުން އިސްރާއީލީން އަތްދަށު ވެގެންފިއެވެ.
އޭގެފަހަކުން އަރާމީންނަކަށް ޢައްމޫނީންނަށް އެހީވާން ދާކަށެއް ނުކެރުނެވެ.