4
އިޝްބޫސަތު މަރާލެވުން
އަބްނައިރު ޙަބްރޫންގައި މަރުވި ޚަބަރު ލިބުމުން ޝާއުލްގެފާނުގެ ދަރިކަލުން އިޝްބޫސަތު އާއި އިސްރާއީލުގެ އެންމެންނަށް ކުއްލި ސިހުމެއް ލިބި ހިތްވަރު އެލުނެވެ. އެދުވަސްވަރު އިޝްބޫސަތުގެ ލަޝްކަރުގެ ކުއްލި ހަމަލަދޭ ސިފައިންގެ އިސް ވެރިންގެ ގޮތުގައި ބައީރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށް ވާ ރިކާބު އާއި ބަޢްނާ އުޅެއެވެ. މިއީ ބަންޔާމީންގެ އާއިލާގެ ބައެކެވެ. އޭރު ބައިރޫތަކީ ބަންޔާމީން ސަރަހައްދުގެ ތެރޭ ހިމެނޭ ރަށެކެވެ. ބައިރޫތުގައި އުޅުނު އެންމެން އެރަށުން ފައިބައިގެންގޮސް މިހާރު އުޅެނީ ބީރައްޓެހިންގެ ގޮތުގައި ޖައްތީމްގައެވެ.
(އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)
އެއްދުވަހަކު ބައިރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށް ވާ ރިކާބުއާއި ބަޢްނާ އިޝްބޫސަތުގެ ގެއަށް ދިޔައެވެ. އެމީހުން އެގެއަށް އައީ ހޫނު މެންދުރަކު އެވެ. އޭރު އިޝްބޫޝަތަށް އޮތީ ނިދިފައެވެ. އަދި އޭރު ދޮރުމަތީގައި ގޮދަން ހޮވަން އިން އަންހެންމީހާ ވެސް އޮތީ ނިދިޖެހިފައެވެ. މިދެމީހުން އެގެއަށް ވަންއިރު އިޝްބޫޝަތު އޮތީ ގަދަ ނިދީގައެވެ. ދެން އެދެމީހުން އޭނާގެ ބަނޑުފަޅާ މަރާލައި ބޯކަނޑާލައިގެން އެބޯ ހިފައިގެން އެރޭހަތަރުދަމު އުރުދުންގެ ވާދީތެރޭން ދަތުރު ކުރިއެވެ.
ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“
މިމީހުން މިހެން ދެންނެވުމުން ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ހުރިހާ މުސީބާތަކުން ސަލާމަތް ކުރައްވާ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން، 10 އަހަރެން ޞިޤްލަޣުގައި ހުއްޓާ ޝާއުލްގެފާނު އަވަހާރަވި ޚަބަރު ހިފައިގެން މީހަކު އައި. އޭނާ ހީކުރީ އޭނާ އެ ގެނައީ އުފާވެރި ޚަބަރެއް ކަމަށް. އެކަމަކު އަހަރެން އެމީހާ މަރާލިން. އެއީ އެޚަބަރު ގެނައިތީ އަހަރެން އޭނާއަށް ދިން އިނާމަކީ. 11 އެއަށް ވުރެން މާ ނުބައި ޚަބަރެއް ގެނައި ބަޔަކަށް އަހަރެން ދޭން އޮތީ ކޮން އިނާމެއްކަން ކަލޭމެންނަށް އެނގޭތަ؟ ކަލޭމެން ތިޔަ މަރާލީ ކުށެއްނެތް މީހަކު އޭނާގެ ގޭގައި ނިދާލާފައި އޮތްވާ. އޭނާގެ ލޭގެ ބަދަލުގައި އަހަންނަށް ޖެހޭނީ ކަލޭމެންގެ ވަސްވެސް މި ދުނިޔޭން ފުހެލުމަށް.“
12 ދެން ދާއޫދުގެފާނު އަމުރުފުޅަށް އެކަލޭގެފާނުގެ މީހުން އައިސް އެދެމީހުން މަރާލައި އަތާއިފައި ބުރިކޮށް ޙަބްރޫންގެ ފެންގަނޑުގެ ކާރީގައި އެލުވައިފިއެވެ. ދެން އެމީހުން އިޝްބޫސަތުގެ ބޯބުރި ޙަބްރޫންގައި އަބްނައިރު ވަޅުލި ގަބުރުސްތާނުގައި ވަޅުލައިފިއެވެ.