9
ޝާއުލްގެފާނު ޞަމޫއީލްގެފާނާއި ބައްދަލުވުން 
 1 ޤައިޝް އަކީ ބަންޔާމީންގެ ދަރިކޮޅުން އައިސް ހުރި މީހެކެވެ. އޭނާއަކީ އަފީޙަ ދަރި ބަކޫރަތުގެ ދަރި ސަރޫރަގެ ދަރި އަބިޔީލްގެ ދަރިއެކެވެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ ބޮޑެކެވެ.  2 ޤައިޝްގެ ދަރި ޝާއުލް އަކީ ޒުވާން ރީތި ފިރިހެނެކެވެ. ބަނީއިސްރާއީލުންގެ ތެރޭގައި އެފަދަ ދެވަނައެއް ނުވާހާ ފުރިހަމަ މީހެކެވެ. އޭނާގެ އިސްކޮޅު އިސްރާއީލުންގެ ދެންތިބި މީހުންނަށް ވުރެން އެއްފޫޓު ދިގެވެ. 
 3 އެއްދުވަހަކު ޤައިޝްގެ ހިމާރުތައް ގެއްލިއްޖެއެވެ. އެހެންވެ އޭނާގެ ދަރިފުޅު ޝާއުލްގެ ގާތުގައި ބުންޏެވެ. ”ދަރިފުޅު މިތަނުން ޚާދިމަކު ގޮވައިގެން އެ ހިމާރުތައް ފެނޭތޯ ދޭބަލަ.“  4 ދެން އެމީހުން ގޮސް އަފްރާއީމްގެ ފަރުބަދަމަތީ އަވަށްތައް ކަމުގައިވާ ޝަލީޝާއާއި ޝާލިމުއާއި އަދި ބަންޔާމީންގެ ސަރަހައްދު އެމީހުން ބެއްޔެވެ. މިއިން ތަނަކުން އެ ހިމާރުތަކެއް ނުފެނުނެވެ. 
 5 އެންމެ ފަހުން އެމީހުންނަށް ޞޫފުގެ މީހުން އުޅޭ ހިސާބަށް ދެވިއްޖެއެވެ.*  9:5 ޞޫފަކީ ޞަމޫއީލްގެ ބައްޕަ އަލްޤާނާގެ ރަށެވެ. ޞޫފަށް ދެވުމުން ޝާއުލް އޭނާގެ ނޯކަރަށް ބުންޏެވެ. ”އަނބުރާލާފައި ދާން ހިނގާ. އެހެންނޫނީ ބައްޕަ ހިމާރުތަކަށް ވުރެން ބޮޑަށް އަހަރެމެންގެ މަތިން ފިކުރު ބޮޑުވެދާނެ.“  6 ނޯކަރު ބުންޏެވެ. ”މިރަށުގައި ވަރަށް ބޮޑު ނަބީ ބޭކަލަކު އުޅުއްވާނެ. އޭނާ ބުނުއްވާ ބަހެއް ކައްޗާވެއެއް ނުދާނެ. އޭނާގެ ގާތަށް ދަމާ ހިނގާ. ފަހަރުގައި އަހަރެމެން ދާންވީ މަގު އޭނާ ބުނެ ދެއްވަފާނެ.“ 
 7 ”އެ އަވަށަށްވެސް ދެވިދާނެ. އެކަމަކު ދިޔަޔަސް ތިޔަ ބުނާ ނަބީ ބޭކަލަކު ފައިންޕުޅު ފެނިދާނެތަ؟ އަހަރެމެން ގެނައި ކާއެތިކޮޅު ވެސް މިހިރީ ހުސްވެފައި. އެ ކަލޭގެފާނަށް އަހަރެމެން ދޭނީ ކޮން އެއްޗެއް؟“ 
 8 ނޯކަރު ބުންޏެވެ. ”އަޅުގަނޑުގެ އަތުގައި ކުޑަ ރިހި ލާރިކޮޅެއް އެބަހުރި. އެލާރި ކޮޅު ދީފައި އަހަރެމެން ދާންވީ މަގެއް އޮޅުން ފިލުވިދާނެ.“  9 (ކުރީ ޒަމާނުގައި މާތްﷲގެ ކިބަފުޅުން ކަންކަމަށް އެދޭ މީހުން ދާނީ ކަހީނުންގެ ގާތަށެވެ. އެމީހުންނަކީ މިހާރު ނަބީބޭކަލުންނެވެ.) 
 10 ”ބަރާބަރު!“ ޝާއުލް ބުންޏެވެ. ”ހިނގާ ދަމާ.“ ދެން އެމީހުން އެބުނާ ކަލޭގެފާނަކު އުޅުއްވާ އަވަށަށް ހިނގައްޖެއެވެ. 
 11 އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟“  12 އެކުދިން ބުންޏެވެ. ”އާނ. އެކަލޭގެފާނު އެހެރެ ފެންނަނީ ތިބޭކަލުންގެ ކުރިމަތީގައި. އަވަހަށް ދުރުވޭ. އެކަލޭގެފާނު މިރަށަށް މިއަދު އެ ވަޑައިގެންނެވީ ޤުރުބާނީގެ ކަންތަކުގައި. މިހާރު ޤުރުބާނީ ކަތިލައި އަޅުކަން ކުރުމަށް މަޤާމުފުޅަށް މީހުން އެއްވަމުން އެބަދޭ.  13 ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ގުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.“  14 ދެން އެދެމީހުން ރަށުތެރެއަށް ދާން ދަނިކޮށް ޞަމޫއީލްގެފާނު ދޮރާށިން ނިކުމެ ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނިއްޖެއެވެ. 
 15 ޝާއުލް އައުމުގެ އެއްދުވަސް ކުރީގައި މާތްރަސްކަލާނގެ ވަނީ ޞަމޫއީލްގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ.  16 ”މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުންދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.“ 
 17 ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.“ 
 18 އެމީހުންނަށް އަވަށުގެ ދޮރާށިދޮށުން ޞަމޫއީލްގެފާނު ފެނިގެން އަހައްޕެވެ. ”މިރަށުގެ ކަހީނު އުޅުއްވަނީ ކޮން ތަނެއްގައި ތޯ؟“ 
 19 ޞަމޫއީލްގެފާނު ޖަވާބު ދެއްވިއެވެ. ”އެ ކަހީނަކީ އަހަރެން. ކުރިއަށް އަރައިގެން އަޅުކަމުގެ މަޤާމަށް ހިންގަވާ. މިއަދު ތި ބޭކަލުން ކޭން ބައްލަވަންވާނީ އަހަންނާ އެކު. މާދަމާ ހެނދުނު ތިބޭކަލުން ތިޔަ އޮޅުންފިލުއްވަން އުޅުއްވާ ހުރިހާ ކަމެއް ބުނެދޭނަން.  20 ތިބޭކަލުން ތިންދުވަސް ވަންދެން ނުފެނިގެން ތިޔަ ހޯދާ ހިމާރުތަކާ މެދު ފިކުރު ނުކުރޭ. އެހެނީ މުޅި ބަނީއިސްރާއީލްގެ މީހުން ވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ގޭގެ މީހުންނަށް އެހީތެރިކަމަށް ބޭނުން ޖެހިފައި.“ 
 21 ޝާއުލް ދެންނެވިއެވެ. ”ކަލޭގެފާނު ތިޔަހެން ތިޔަ ވިދާޅުވީ ކީއްވެތޯ؟ އަޅުގަނޑަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އަޅުގަނޑުމެން މިއީ އެންމެ ކުޑަ ޚާންދާނުގެ ބައެއް. އަދި އަޅުގަނޑު ނިސްބަތްވާ ގަބީލާއަކީ އެޚާންދާނުގެ ވެސް އެންމެ ބައިމަދު ގަބީލާ.“ 
 22 ދެން ޞަމޫއީލްގެފާނު އެދެމީހުން ގޮވައިގެން ވަޑައިގެން އަޅުކަމުގެ މަޤާމުގައިވާ އެންމެ ޢިއްޒަތްތެރި މޭޒުކޮޅުގައި ފަރީއްކުޅުއްވަން އިށީންނެވިއެވެ. އެވަގުތު އެތަނުގައި ތިރީހަކަށް ބޭކަލުންވެސް ކެއުމުގައި ބައިވެރިވެ ތިއްބެވިއެވެ.  23 ދެން ޞަމޫއީލްގެފާނުގެ ކައްކާ މީހާއަށް ވިދާޅުވިއެވެ. ”އިއްޔެ އަހަރެން ކަލޭގާތު ފޮރުވާފައި ބަހައްޓަން ބުނި ޚާއްސަ ބަކަރި މަސްތައް ގެނޭ.“ 
 24 ދެން ކައްކާމީހާ އެ މަސްތައް†  9:24 އެ ގެރިބަކަރި މަސްކޮޅަކީ ފައިގެ ފަލަމަސްގަނޑުގެ ބައެކެވެ. ގެނެސް ޝާއުލްގެ ސުފުރާމަތީގައި ބަހައްޓައިފިއެވެ. ”މިއީ ކަލޭގެފާނަށް ޚާއްސަ ކުރެވިފައިވާ މަސްތައް. މި މަސްތައް ބެހެއްޓިފައި މިވަނީ މި ޖާފަތުގައި ބައިވެރިވާން މެހުމާނުންނަށް ދަޢުވަތު ވެސް ނުދެވެނީސް.“ ދެން ޝާއުލް އެ ކެއުމުގައި ޞަމޫއީލްގެފާނާ އެކުގައި ބައިވެރިވިއެވެ. 
 25 ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.  26 އިރު އެރުމާއެކު އެމީހުން ތިރިއަށް ގެނުވިއެވެ. ”ދާން ހިނގާ!“ ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަޅުގަނޑު ތިބޭކަލުން ހިންގަވަންވީ މަގު ދައްކާނަން.“ ދެން ޞަމޫއީލްގެފާނު އެމީހުން ގޮވައިގެން ރަށްބޭރަށް ނުކުމެ ވަޑައިގަތެވެ. 
 27 ރަށްބޭރަށް ނުކުމެވުމުން ޞަމޫއީލްގެފާނު ޝާއުލްއަށް ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ނޯކަރު ގާތު ބުނުއްވާ ކުރީގައި ހުރެގެން ދާށޭ. ކަލޭގެފާނު އަހަރެންގެ ގާތުގައި މިތާ މަޑުކުރައްވާ. ކަލޭގެފާނު ގާތު މާތްﷲ އެންގެވި އެންގެވުމުގެ ވާހަކަ އަހަރެން ބުނާނަން.“ ދެން ޚާދިމު ހިނގައިގެންފިއެވެ.